ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދުތަކުން އިތުރު ވަމުން ދިއުމާ ގުޅިގެން، ހަރުކަށި ފިޔަވަޅުތަކަކާއެކު ލޮކްޑައުން ކޮށްފައި ވާ ޗައިނާގެ ވިޔަފާރި މަރުކަޒީ ރަށް، ޝަންހާއީ ހުޅުވާލުމަށް ތައްޔާރު ވެއްޖެއެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމުގެ ނަމުގައި ޝަންހާއީގައި ލޮކްޑައުންގެ ހަރުކަށި އުމުރު ތަންފީޒު ކުރަމުންދާތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެފައި ވީ ނަމަވެސް، އެ ސަރަހައްދު އަލުން ހުޅުވާލަން ފެންނަ ކަމަށް އޮފިޝަލުން ގަބޫލު ކުރައްވާ ކަމަށް ހަބަރު ލިބެއެވެ.

އެގޮތުން އޮފިޝަލުން ވަނީ ޝަންހާއީ ސާފު ކުރުމުގެ ބޮޑު ހަރަކާތެއް ހިންގުމަށް އަމުރު ކުރައްވާފައެވެ. އެއާއެކު އެތައް ހާސް ބަޔެއްގެ މައްޗަށް އެކުލެވޭ ގުރޫޕުތަކުން ދަނީ ބިންތަކާއި އާންމުންގެ ގެތަށް ސާފުކޮށް، ޑިސްއިންފެކްޓް ކުރުން މަސައްކަތްތައް ކުރަމުންނެވެ. އެއީވެސް ކޮވިޑް ޖައްސާ ވައިރަސް ނެތިކޮށްލުމަށް ހިންގާ ހަރަކަތެއް ކަމަށް މައުލޫމާތު ލިބެއެވެ.

އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށް ޝަންހާއީއިން ކުރި "ހަނގުރާމައިގެ" އަސަރުތައް އަދިވެސް އެ ސަރަހައްދުގައި ލަކުނުލާފައި ހުރި ފަދައެވެ. ލޮކްޑައުންގެ އަމުރުތައް ހަރުކަށި ކުރަމުން ދިޔަ ވަރަކަށް، އާންމުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ.

ޝަންހާއީއަށް އެންމެ ފަހުން ބިންދާލި ކޮވިޑް ރާޅުގައި އެންމެ ބޮޑު އަސަރެއް ފޯރާފައި ވަނީ ދޮށީ އުމުރުގެ މީހުންނަށެވެ. ޝަންހާއީއިން މަރުވި މީހުންގެ ރަސްމީ އަދަދު 491 އަށް އަރާއިރު އޭގެ ތެރޭގައި ގިނައީ ދޮށީ އުމުރުގެ މީހުންނާއި ވެކްސިން ނުޖަހާ މީހުންނެވެ. ޝަންހާއީގެ އަބާދީގައި 60 އަހަރުން މަތީގެ މީހުންގެ ތެރެއިން 3 ޑޯޒްއާއެކު ވެކްސިން ފުރިހަމަ ކޮށްފައި ވަނީ، އެންމެ 38 ޕަސެންޓް މީހުންނެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ޗައިނާއިން ގެންގުޅެނީ "ޒީރޯ ކޮވިޑް" ސިޔާސަތެއް ކަމަށް ވާއިރު، ޝަންހާއީއަކީ އެ ސިޔާސަތުގެ އިމްތިހާން މަރުކަޒަށް އޮތީ ވެފައެވެ. ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވި ކަމުގައި ވީ ނަމަވެސް، ޗައިނާގެ ރައީސް ޝީ ޖީންޕިންގް ވަނީ އަދިވެސް އެ ސިޔާސަތު ދަމަހައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.