ރާއްޖޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންނަށް ހާއްސަކޮށް އޮންލައިންކޮށް ހިންގާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރެއިނިން ކޯސްތަކެއް އިފްތިތާހް ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ގައިޑް އެޑިޔުކޭޝަނާ ގުޅިގެން ހިންގާ މި ކޯސްތައް އިފްތިތާހް ކޮށްފައި ވަނީ މިއަދު އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންނާއި ގައިޑް އެޑިޔުކޭޝަންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ މި ކޯސްތައް ހިންގާނީ ގައިޑް އެޑިޔުކޭޝަންގެ ތަޖުރިބާކާރުން ކަމަށާއި ގައިޑް އެޑިޔުކޭޝަނަކީ އޮންލައިންކޮށް މުދައްރިސުން ތަމްރީނު ކުރުމަށްޓަކައި ޑިޖިޓަލް ގިނަ ވަސީލަތްތަކެއް އެއް ޕްލެޓްފޯމަކުން ލިބޭގޮތަށް ތައްޔާރު ކުރެވިފައިވާ އޮންލައިން ޕްލެޓްފޯމެއް ކަމަށެވެ.

މީގެ އިތުރުން ގައިޑް އެޑިޔުކޭޝަން ޕޯޓަލް މެދުވެރިކޮށް ޓީޗަރުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ހާއްސަކޮށް ތައްޔާރު ކުރެވިފައިވާ ގިނަ އަދަދެއްގެ އޮންލައިން ކޯސްތަކުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މި ކޯސްތައް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ޓީޗަރުންންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެންވަރު ރަނގަޅު ޓްރެއިނިން ޕްރޮގްރާމް ތަކުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުން ކަމަށާއި ސްކޫލްތަކުގެ މުވައްޒަފުންނަށް ހިންގޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކުރުމަށް މިނިސްޓްރީ އިން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދެއްވާ ޓީޗަރުންނަށް މި ފުރުސަތު ފަހިކޮށްދެއްވިކަމަށްޓަކައި ގައިޑް އެޑިޔުކޭޝަންގެ ސީއީއޯ، ލިއޯން ހާޑީ އަދި ގައިޑްގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.