އަދުގެ ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރުމަށް ކަމަށް، ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ރ. އުނގޫފާރުގެ ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި، މެމޮގްރަފީ އާއި އޯޕީޖީގެ ހިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ސިއްހީ ހިދުމަތްތައް ލާމަރުކަޒުކޮށް، ރައްޔިތުންނަށް ހިދުމަތްތައް ފަސޭހަ ކޮށްދިނުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލުތައް އެޅުމުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ހަމަ އެއާއެކު ނައިބު ރައީސް ވިދާޅުވީ، ރައްޔިތުންނަށް މަޖުބޫރުވާ ފަދަ ގޮތަކަށް ކަންކަން ކޮށްގެން ރައްޔިތުން ވަކި ދިމާލަކަށް ގެންދިއުމަށްޓަކައި ސަރުކާރުން މަސައްކަތެއް ނުކުރާނެ ކަމަށާއި، ސަރުކާރުން އަމާޒު ހިފާފައިވަނީ ރައްޔިތުން ދިރިއުޅޭ ރަށްރަށުގައި އާއިލާއާ އެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށާއި ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން އެދޭ ގޮތަށް ކަންތައްތައް ކުރުމަށް ކަމަށެވެ.

"މަޖުބޫރު ކޮށްގެން ވަކި ދިމާލަށް ރައްޔިތުން ގެންދިޔުމަކީ މި ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫން. ރައްޔިތުންނާ އެކުގައި، އަޑު އަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދިނުމަކީ އެންމެ ސަމާލުކަން ދޭން ބޭނުންވާ ގޮތް،"
ނައިބު ރައީސް ފައިސަލް ނަސީމް

ސިއްހީ ހިދުމަތްތައް ލާމަރުކަޒު ކުރުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އަލި އަޅުވާލައްވައި ނައިބު ރައީސް ވިދާޅުވީ، ރަށްރަށުގައި ގާއިމްކޮށްފައިވާ ސީޓީ ސްކޭންގެ ހިދުމަތަށް ބަލައިލި ކަމުގައިވިޔަސް، މިދިޔަ ތިން އަހަރުގެ ތެރޭގައި 3،000 އަށް ވުރެ ގިނަ މީހުންނަށް ރަށްރަށުން މި ހިދުމަތް ލިބިދީފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތަށް ފަހު ނައިބު ރައީސް ވަނީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި، މެމޮގްރަފީ އާއި އޯޕީޖީގެ ހިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވާފައެވެ.

އެ ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ހިދުމަތް ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު ގައެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ނިޔަލަށް 45 ސީޓީ ސްކޭން ހަދާފައިވާއިރު، ތިން މެމޮގްރަފީ އާއި 95 އޯޕީޖީގެ ހިދުމަތް ދީފައިވެއެވެ.