އދ. މަންދޫ ކައިރިން ޑައިވިން އަށް ގޮސް އުޅުމުގެ ތެރޭގައި ގެއްލިގެން ނުފެނިފައިވާ ފަތުރުވެރިޔާ ހޯދުމަށް، އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ، މަންދޫ ކައިރީގައި އޮންނަ ފަރަކަށް ޑައިވްކުރަން ދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި ފަތުރުވެރިން ތަކެއްގެ ތެރެއިން ފަތުރުވެރިއެކެވެ. އޭނާ ގެއްލިގެން ރިޕޯޓް ކުރުމުން، އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަނުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި އެމްއެންޑީއެފުން ބުނީ، އެ ފަތުރުވެރިޔާ ހޯދުމަށް ކޯސްޓްގާޑު ޝިޕް "ޝަހީދު އަލީ" އާއި، ކޯސްޓްގާޑު ފާސްޓް އިންޓަސެޕްޓަ ކްރާފްޓް "ވެލާނާ" ދަނީ ޑައިވަރުންގެ ޓީމަކާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

ހަމަ އެއާއެކު ސާފަސް ސާޗާއި، ޑައިވްކޮށްގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މަސައްކަތުގައި އެ ސަރަހައްދުގެ ރިސޯޓުތަކުގެ ޑައިވަރުންގެ އެހީތެރިކަން ލިބެމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އަދި ވައިގެ މަގުންވެސް އޭނާ ފެނޭތޯ ބަލަމުން ދާނެ ކަމަށާއި، ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އަދި އޭނާ ފެނިފައި ނުވާ ކަމަށްވެސް ބުންޏެވެ

ގެއްލުނު ފަތުރުވެރިޔާ އާ ބެހޭ އިތުރު މައުލޫމާތުތައް ލިބެމުންދާ ވަރަކަށް މައުލޫމާތު ހިއްސާ ކުރަމުންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.

މީގެ ކުރިންވެސް ޑައިވިނަށް ދާ ފަތުރުވެރިން ގެއްލިފައިވާ ހާދިސާތައް ހިނގާފައިވެއެވެ.