ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އަސްޓްރާޒެނީކާ ކުންފުނިން ތަރައްގީ ކޮށްފައިވާ ވެކްސިންގެ ސަބަބުން، ސްޕައިން ނުވަތަ މައިބަދައިގެ ބައްޔެއް ކަމަށް ވާ ޓްރާންސްވާސް މައިލައިޓިސް ޖެހުމުގެ ފުރުސަތު އޮންނަ ކަމަށް، ވެކްސިންގެ ސައިޑް އިފެކްޓްތަކުގެ ތެރޭގައި ހިމެނުމަށް ފެންނަ ކަމަށް، ވިލާތުގެ ޑްރަގް ރެގިއުލޭޓަރު (އީއެމްއޭ)ގެ ސަލާމަތާ ބެހޭ ޕެނަލުން ލަފާ ދީފިއެވެ.

ޔޫރަޕިއަން މެޑިސިންސް އޭޖެންސީ (އީއެމްއީ) އިން މިދިޔަ އޮކްޓޯބަރު މަހުވެސް ވަނީ މިފަދަ އިންޒާރުގެ އިރުޝާދެއް، ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިންއާ ގުޅިގެންވެސް ނެރެފައެވެ.

ޓްރާންސްވާސް މައިލައިޓިސްގެ ސަބަބުން، މައިބަދައިގެ ދެ ފަރާތް ނުވަތަ އެއް ފަރާތް ދުޅަ ކޮށްލައެވެ. އަދި، އަތްފައިގެ ބާރު ދެރަވެ، ހިއްސުތަކަށް ނޭދެވޭ އަސަރުތަކެއް ފޯރުމުގެ ފުރުސަތު އޮވެއެވެ. މީގެ އިތުރުން ކުޑަކަމު ދިއުމާއި ބޮޑު ކަމުގެ ދިއުމުގެ ނިޒާމަށްވެސް މައްސަލަތަކެއް ކުރިމަތި ކުރުވުމުގެ ފުރުސަތު އޮވެއެވެ.

އީއެމްއޭގެ އިރުޝާދު މިފަދަ ގޮތަކަށް ހުރި އިރު، ވެކްސިން އުފެއްދި އަސްޓްރާޒެނީކާ ކުންފުނިން ވަނީ މިކަމަށް ރައްދު ދީފައެވެ. އެ ކުންފުނިން ބުނީ، ކޮވިޑް-19 ވެކްސިންގެ ސަބަބުން، މަދުން ނޫނީ މެދުވެރި ނުވާ ޓްރާންސްވާސް މައިލައިޓިސް ޖެހޭ ކަން ކަށަވަރު ކުރެވޭނެ އިންތިޒާމެއް ނެތް ކަމަށެވެ.

ނަމަވެސް ވެކްސިންގެ ސަބަބުން ޓްރާންސްވާސް މައިލައިޓިސް ޖެހުމުގެ ފުރުސަތު އޮތް ކަމަށް އީއެމްއީއިން ބުނެފައި ވަނީ ލިބިފައި ވާ ތަފާސް ހިސާބުތަކަށް ރިއާޔަތް ކޮށް، އެކަމަށް ބާރު ލިބޭ މިންވަރަށް ސަބަބުތައް ހުރުމުން ކަމަށް މައުލޫމާތު ލިބެއެވެ.

ކަން މިހެން އޮތް އިރު، ވެކްސިންގެ ފައިދާއާއި ލިބިދާނެ ގެއްލުން އަޅާ ކިއާ، ވަޒަން ކުރަމުން އައި މިންގަނޑަށް ބަދަލު ނާންނަ ކަމަށްވެސް އީއެމްއޭއިން ވަނީ ފާހަގަ ކޮށްފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އެންމެ ފުރަތަމަ ތަރައްގީ ކޮށްގެން ނެރުނު ވެކްސިންތަކުގެ ތެރޭގައި ހިމެނޭ އަސްޓްރާޒެނީކާ ވެކްސިނަށް އެކި ގޮތް ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު ކަން ފާހަގަ ކުރަން ޖެހެއެވެ. އެގޮތުން ސިނާއީ ފެންވަރުގައި ވެކްސިން އުފެދުމަށް ހުރަސްތަކެއް ކުރިމަތިވުމުގެ އިތުރުން، ވެކްސިންގެ ސަބަބުން ލޭގަނޑުވުން ފަދަ ސިއްހީ މައްސަލަތަކެއްގެ ވާހަކަތަކެއް ފެންމަތިވެ، އެކަމުގެ ތަހުގީގު ހިންގުމަށް ރެގިއުލޭޓަރުންނަށް މަޖުބޫރުވުން ފަދަ ކަންކަން ހިމެނެއެވެ. މި ކަންކަމާ ގުޅިގެން ބައެއް ގައުމުތަކުން ވަނީ އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިން ޖެހުން ވަގުތީ ގޮތުން މަޑު ޖައްސާލަފައެވެ. ނުވަތަ ހުއްޓާލާފައެވެ.

އަސްޓްރާޒެނީކާއާއި ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިނަކީ، ދާދި އެއް ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން އުފައްދާފައިވާ ވެކްސިންތަކެކެވެ.

އަވަށްޓެރި އިންޑިއާގައި ސިނާއީ ފެންވަރަށް ތަރައްގީކޮށް، ގިނަ ގައުމުތަކަކަށް ހަދިޔާ ކޮށްފައި ވާ ކޮވިޝީލްޑް ވެކްސިނަކީވެސް، އަސްޓްރާޒެނީކާ ކުންފުނީގެ ވެކްސިން ފޯމިއުލާއަށް ތަރައްގީ ކޮށްފައި ވާ ވެކްސިނެކެވެ.