އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް ޗައިނާއިން ހަދިޔާދީ އިނގިރޭސިވިލާތުގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން ދާކަމަށް އެގައުމުގެ ސެކިއުރިޓީ ސާވިސްއިން ތުހުމަތު ކޮށްފިއެވެ.

އެގައުމުގެ ސެކިއުރިޓީ ސާވިސްއިން ބުނީ ޗައިނާގެ ޗައިނީޒް ކޮމިއުނިސްޓް ޕާޓީ (ސީސީޕީ) އަށް ނިސްބަތްވާ ކްރިސްޓީން ޝިންގް ކު ލީ ދަނީ ތަފާތު އެކި ގޮތްގޮތުން ޕާލިމަންޓް މެންބަރުންނަށް ފަންޑު ކުރަމުން ކަމަށެވެ. އަދި އޭނާއަށް ތުހުމަތު ކުރަނީ އެކަން ވަރަށް ރަނގަޅަށް ތަހުގީގު ކުރުމަށް ފަހު ކަމަށް ވެސް ވަނީ ބުނެފައެވެ.

އެގޮތުން މިފަދަ ފަންޑުތައް ލިބުނު މަޖިލީހުގެ މެންބަރުންގެ ތެރޭގައި ލޭބާ ޕާޓީގެ ބެރީ ގާޑިނާ ހިމެނޭ ކަމަށް ވެސް އެ ސާވިސްއިން ބުނެއެވެ. މިކަމާ ގުޅިގެން ގާޑިނާ ވިދާލުވެފައި ވަނީ އޭނާއަށް އެ ފަންޑުތައް ލިބެމުން ދާ ކަން މީގެ ކުރިންވެސް އިނގިރޭސި ސެކިއުރިޓީ ސާވިސްއަށް އެނގޭނެ ކަމަށާ، އެކަން ބަރާބަރަށް ރިޕޯޓު ކުރައްވާ ކަމަށެވެ. ކްރިސްޓީން މެދުވެރިކޮށް އޭނާއަށް 420,000 ޔޫރޯ ލިބިވަޑއިގެންފައި ވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ގިނަ ބަޔަކަށް އެކިއެކި ނަންނަމުގައި ފަންޑުތައް ލިބިފައިވާ ކަން ފާހަގަކޮށް ހޯމް ސެކްރެޓަރީ ޕްރިތީ ޕަޓޭލް ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނަމަވެސް އޭނާ ވިދާޅުވީ އިނގިރޭސިން ތިބީ އެކަމަށް ތައްޔާރުވެގެން ކަމަށާ، ކްރިސްޓީންގެ ފަރާތުން އެހީތައް ލިބެމުންދާ މީހުން ސީސީޕީގެ އެޖެންޑާއަށް ފަރުވާތެރިވާން ޖެހޭ ކަމަށެވެ.

އިނގިރޭސިވިލާތުގެ އޮފިޝަލުން ވިދާޅުވީ މީގެ ކުރިން އެންމެ ބޮޑަށް އެގައުމުން ސަމާލުކަން ދެމުން އައީ ރަޝިއާއިން ކުރިއަށް ގެންދާ ޕްރޮޕެގެންޑާ ތަކަށް ކަމަށާ، ނަމަވެސް މިހާރު އެންމެ ބޮޑަށް ބަލަމުން ދަނީ ޗައިނާގެ އަމަލުތަކަށް ކަމަށެވެ. އަދި ޗައިނާއިން ބޭނުން ވަނީ އެގައުމުގެ ސިއްރުތައް ހޯދުމަށް އެކަނި ނޫންކަމަށާ، އެ ގައުމުގެ ސިޔާސީ މަޝްރަހަށް ނުފޫޒު ފޯރުވުމަށް ކަމަށް ވެސް ވިދާޅުވެއެވެ.

އަދި މިކަމުން ސަލާމަތްވުމަށް ގާނޫނެއް ނެތުމާއެކު މި މައްސަލަ އާންމުކޮށް ހާމަ ކުރުމުން އެދެވޭ ނަތީޖާއެއް ފެނި ޗައިނާގެ އެޖެންޑާއަށް މަޑުޖެހުމެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް އެގައުމުން ބުނެއެވެ.