ތިލަފުށީގައި ހިންގާ ވޭސްޓް މެނޭޖްމަންޓް ޕޮރޮޖެކްޓްގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ބައްލަވާލައްވައިފިއެވެ.

ރައިސް ސޯލިހާ އެކު އެންވާރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވެސް ތިލަފުއްޓަށް ވަޑައިގެން އެތަނުގައި ހިންގާ ޕްރޮޖެކްތް ވަނީ ބައްލަވާލައްވާފައެވެ. ރައީސް ސޯލިހް ތިލަފުއްޓަށް ކުރެއްވި މި ދަތުރުފުޅުގައި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް އާއި ވެމްކޯ އެމްޑީ އާދަމް މުހައްމަދުގެ އިތުރުން މިނިސްޓްރީގެ ވޭސްޓް މެނެޖްމަންޓް ޑިޕާޓްމަންޓެގެ އިސްވެރިން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

"އޭބީސީ"ގެ ހިލޭ އެހީ އާއި ކޮންސެޝަނަލް ލޯން އަދި "އޭއައިއައިބީ" ކޮންސެޝަނަލް ލޯންގެ އެހީ އާއި ޖަޕާން ފަންޑް ފޯ ޕަވަޓީ ރިޑަކްޝަންގެ ހިލޭ އެހީގެ އިތުރުން، ސަރުކާރުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަށް ޖުމްލަ 304 މިލިއަން ޑޮލަރު ހަރަދުކުރަން ވަނީ ނިންމާފައެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން، ތިލަފުށީގެ ގޮނޑު އެއްފަރާތްކޮށް އެތަނުގައި ބަނދަރެއް ހަދައި، ކުނި ގެނެސް ބާލާނެ ސަރަހައްދެއް ތަރައްގީކޮށް ނިމިފައި ވާއިރު، މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކަމަށްވާ ވޭސްޓް އެނާޖީ ޕްލާންޓް ގާއިމުކުރުމަށް ސްޕޭންގެ ކުންފުންނެއް ކަމަށްވާ އުރްބާސާ އާ އެކު ޑިޒައިން، ބިލްޑް، އެންޑް އޮޕަރޭޓް އެއްބަސްވުމެއްގައި 15 އަހަރުގެ މުއްދަތަކަށް ވަނީ ސޮއިކޮށްފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ މަސައްކަތްތައް ނިމުމުން، ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސަސްކޮށް، އަށް މެގަވޮޓާއި 8.5 މެގަވޮޓާ ދެމެދުގެ ކަރަންޓު އުފެއްދޭނެ ކަމަށާއި، މި ފެސިލިޓީ އޮޕަރޭޓް ކުރުމަށް ދާ ހަރަދު ހޯދުމަށް ހަމަޖެހިފައިވަނީ މި ފެސިލިޓީން އުފައްދާ ކަރަންޓާއި، ކުނި އަންދައިގެން ލިބޭ އަޅި ރީސައިކަލްކޮށް ވިއްކައިގެންނާއި އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާއިން ކަމަށެވެ.