ކީރިތި ގުރުއާނުގެ އިލްމުގެ މަތީ ތައުލީމުގެ ޕްރޮގްރާމް ތަކުގައި ހުންނަންޖެހޭ މިނިމަމް ސްޓޭންޑަޑެއް ނުވަތަ މިންގަނޑެއް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން މިއަދު ލޯންޗް ކޮށްފިއެވެ.

އެ މިންގަނޑު ރަސްމީކޮށް ލޯންޗުކޮށްދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީއެވެ. މި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހމް ހަސަން ގެ އިތުރުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓ ގެ އެޑްވައިޒާ ބޯޑާއި ސެޓްފިކެޓް ޕެނަލް މެންބަރުން ގެ އިތުރުން ގުރްއާން ޕެނަލް ގެ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްކިއުއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. އަބްދުލް ހަންނާނު ވަހީދު ވިދާޅުވީ އަލަށް ލޯންޗުކުރެވުނު މިންގަނޑާއެކު އެކަމުގެ މުހިންމުކަމާއި އޭގެ ސަބަބުން ކީރިތި ގުރްއާނުގެ ތައުލީމީ ޕްރޮގްރާމްތައް ފުރިހަމަ ކޮށްގެން ނުކުންނަ ދަރިވަރުންގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށެވެ.

އެމްކިއުއޭގެ ގުރްއާން ޕެނަލް ގެ ޗެއާޕާސަން އަބްދުލް އަޒީޒް ހުސައިން ވެސް ފާހަގަ ކުރައްވާފައިވަނީ އެ މަސައްކަތަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ މެންބަރުން ގެ ފަރާތުން ވެސް ފުރިހަމަ އެއްބާރުލުން ލިބިގެން ފުރިހަމަ ކުރެވިފައިވާ އަގުހުރި މުހިންމު މަސައްކަތެއް ކަމަށެވެ.

މިނިސްޓަރު ޑރ އިބްރާހިމް ހަސަން ވިދާޅުވީ ބައެއް ފަރާތްތަކުން އަންނަނީ މި ސަރުކާރުން އިސްލާމްދީނަށް މުހިންމު މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނަމުން ކަމަށެވެ. އެކަމަކު މިއަދު ލޯންޗުކުރެވިގެން ދިޔަ މިންގަނޑުވެސް މި ސަރުކާރުން އިސްލާމްދީނަށް ދެމުންދާ އިސްކަމާއި ކުރަމުންދާ މަސައްކަތްތަކެއް ހާމަވަމުންދާ ކަމަށެވެ.

މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މި މަސައްކަތަކީ ވަރަށް މުހިއްމު މަސައްކަތެއްކަމާއި މާތް الله ގެ ބަސްފުޅު ގިޔާމަތާއި ހަމައަށް ދާންދެން ވެސް ހިމާޔަތް ކުރައްވާނެކަން މާތް الله ވަނީ ބަޔާން ކުރައްވާފައި ކަމަށެވެ. އަދި މިއަދު ލޯންޗް ކުރެވުނު މި ސްޓޭންޑަޑް ގެ ސަބަބުން މަތީ ތައުލީމުދޭ މަރުކަޒުތަކަށް ދިމާވާ ގޮންޖެހުންތަކާއި ދަރިވަރުންނަށް ކުރިމަތިވާ އުނދަގޫތަކަށް ލުޔެއް ލިބިގެންދާކަން ޑރ. އަހުމަދު ޒާހިރު ވަނީ ވިދާޅުވެފައެވެ.