އިންތިހާބުތަކާ ގުޅުވައިގެން މަޝްރޫއުތައް އިއުލާނުކޮށް، ރައްޔިތުންގެ ނިންމުމަށް ބާރު ފޯރުވުން ހުއްޓާލުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.

ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ އިންތިހާބު އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާއިރު، ސަރުކާރުން ވަނީ ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު މިމަހުގެ ހަތްވަނަ ދުވަހު އިއުލާނު ކޮށްފައެވެ. އަދި އަންނަ ހުކުރު ދުވަހު އެ މަޝްރޫއު ފަށާނެ ކަމަށްވެސް އިއުލާނު ކޮށްފައެވެ. އެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއެއް ނޫނެވެ. އަދި އެ މަޝްރޫއަށް ފައިސާ ހޯދާނެ ގޮތުގެ ތަފްސީލެއްވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އެކަން ކުށްވެރިކޮށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިންތިހާބުތަކާ ގުޅުވައިގެން ކެމްޕޭނުތަކުގައި އެގޮތަށް މަޝްރޫއުތައް އިއުލާނު ކޮށް އެ މަޝްރޫއުތައް ފެށުމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ.

"މިފަދަ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން، އިންތިހާބުގެ ނަޒާހާތްތެރި ކަމާއިމެދު ސުވާލު އުފެދި، ރައްޔިތުންގެ އިތުބާރު ކުޑަވެ، މިނިވަންކަމާ ހަމަހަމަކަމާއެކު ކެންޑިޑޭޓެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ހަނިވޭ."
ޓްރާންސްޕޭރަންސީ މޯލްޑިވްސް

ހަމަ އެއާއެކު، ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު އިއުލާނު ކޮށްފައި އޮތް ނަމަވެސް، އެ މަޝްރޫއާ ބެހޭ އެއްވެސް ތަފްސީލެއް ޕްލޭނިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގެ އިތުރުން، ގެޒެޓުގައިވެސް ނެތްކަމަށް ޓްރާންސްޕޭރަންސީން ބުންޏެވެ.

އެހެންކަމުން، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން މަނާކުރާ ގާނޫނެއް އެކުލަވާލައި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން އެ ގަވައިދު ތަންފީޒު ކުރުމަށް ޓްރާންސްޕޭރަންސީން ވަނީ ގޮވާލާފައެވެ.

"އަދި އެފަދަ މަޝްރޫއުތަކަކީ ދިގު ރާސްތާގެ ޕްލޭނެއްގެ ދަށުން ހިންގޭ މަޝްރޫއުތަކެއްކަން ކަށަވަރުކުރުމުގެ އިތުރުން، އެ މަޝްރޫއުތައް ހިންގެނީ އެންމެ ބޭނުންޖެހިފައިވާ ކަންކަންކަމަށާއި ސަރަހައްދުތަަކަށްކަން ކަށަވަރުކުރުން."
ޓްރާންސްޕޭރަންސީ މޯލްޑިވްސް

އަދި އިންތިހާބުތަކާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރަމުންދާ ނަމަ، ކަމާބެހޭ އިދާރާތަކުން އެ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށްވެސް ޓްރާންސްޕޭރަންސީން ވަނީ ގޮވާލާފައެވެ.

ސަރުކާރު ޕާޓީ އެމްޑީޕީގެ އިތުރުން ދެން ކޮމަންޑޫ ދާއިރާއަށް ވާދަކުރަނީ އެމްއެންޕީ އާއި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަމަށްވާއިރު، ދެ ޕާޓީންވެސް ވަނީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.