ވޯޓު ގަތުމާއި އިންތިހާބީ ފައިދާއަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުނު އާންމުވެފައިވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ޓްރާންސްޕޭރެންސީގެ ޕްރީ-އިލެކްޝަން އެސެސްމަންޓް 2024އިން ދައްކާ ގޮތުގައި އެ ދިރާސާގައި ބައިވެރިވި ހުރިހާ ކެންޑިޑޭޓުން ވެސް މަޖިލިސް އިންތިހާބުގައި ވޯޓު ގަތުމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނީ އިންތިހާބާ ދިމާކޮށް ސަރުކާރުން މަޝްރޫއުތައް އިއުލާނު ކުރުމާއި މަޝްރޫއުތަކުގެ ނިންމުން ފާހަގަ ކުރުން އާންމުވެފައިވާ ކަމަށެވެ. އަދި އިންތިހާބީ ފައިދާއަށް ދައުލަތް ހިއްސާވާ ކުންފުނިތައް ބޭނުން ކުރާ ކަމަށާއި ދައުލަތުގެ ވަސީލަތްތައް އަމިއްލަ ފައިދާއަށް ބޭނުންކުރުން ގާނޫނުގައި މަނާކޮށްފައިވާއިރު، އެކަމުގައި ބައިވެރިވާ ފަރާތައް ޒިންމާދާރު ކުރުމަށް ގާނޫނީ ހުސްކަމެއް އޮތްކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

ވޯޓު ގަތުމަކީ މީގެކުރިން ވެސް ފާހަގަ ކުރެވުނު ބޮޑު މައްސަލައެއްކަން ފާހަގަކޮށް ޓްރާންސްޕޭރެންސީއިން ބުނީ އިންޓަވިއު ކުރި ބައެއް ކެންޑިޑޭޓުން، ވޯޓުލާ މީހުން ސީދާ އެމީހުންގެ ވޯޓުގެ ބަދަލުގައި ފައިސާ އަދި އެހެނިހެން އިނާޔާތްތައް އެދިފައިވާކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ވޯޓު ގަތުން މޮނިޓާ ނުކުރެވުމާއި އަވަސް އަދި ކާމިޔާބު ތަހުގީގެއް ކުރިއަށް ނުގެންދުމުގެ އިތުރުން ގާނޫނުތައް ފުރިހަމައަށް ތަންފީޒު ނުކުރެވުމަކީ މިކަން ހުއްޓުވުމަށް ހުރި ގޮންޖެހުންތަކެއް ކަމަށެވެ.

މީގެއިތުރުން މަޖިލިސް އިންތިހާބުގައި ވާދަކުރާ އަންހެނުންގެ އަދަދު މަދުކަން ޓްރާންސްޕޭރެންސީއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މަޖިލީހުގައި އަންހެނުން ތަމްސީލު ކުރެވޭ މިންވަރު ދުނިޔޭގެ ފެންވަރުގައި އެންމެ ދަށް ނަތީޖާ ނެރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. އަދި 2009 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބަށްފަހު މައި ޕާޓީތަކުން މަޖިލިސް އިންތިހާބުގައި ތަމްސީލު ކުރާ އަންހެނުންގެ އަދަދަށް ކުރިއެރުމެއް ލިބިފައިވާ ނުވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ޓްރާންސްޕޭރެންސީއިން އިތުރަށް ފާހަގަ ކުރީ ރައްޔިތުން ފުރިހަމައަށް ތަމްސީލު ނުކުރެވުމާއި ގުޅުން ހުރި މައްސަލަތަކެވެ. އެގޮތުން ދާއިމީ އެޑްރެސްއަށް ބަލައި، ދާއިރާތަކަށް ވޯޓުލާ މީހުން ކަނޑައެޅުމުގެ ސަބަބުން، އާންމު ދިރިއުޅުން ބިނާވެފައިވާ ދާއިރާ ނޫން އެހެން ދާއިރާތަކަށް ވޯޓުލާ އެތައް ހާސް ފަރާތްތަކެއް އެބަތިކަމަށް ޓްރާންސްޕޭރެންސީ އިން ބުނެއެވެ.