އިންސާނީ ކާރިސާގެ އަނދަވަޅެއްގެ ތުންފަތް މަތީގައި އޮތް އަފްގާނިސްތާނުގައި މަސައްކަތް ކޮށްގެން އުޖޫރައެއްގެ ގޮތުގައި ގޮދަން ހޯދުމުގެ ފުރުސަތު ލިބޭ ގޮތަށް ހިންގަމުންދާ މަޝްރޫއު އިތުރަށް ފުޅާ ކުރުމަށް، އޯގަސްޓް މަހު އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ތޯލިބާން ޖަމާއަތުން ބުނެފިއެވެ.

މަސައްކަތް ކޮށްގެން، ބަދަލު އުޖޫރައިގެ ގޮތުގައި ގޮދަން ހޯދުމުގެ މަޝްރޫއަކީ، ޕަބްލިކް ސެކްޓަރުގައި މަސައްކަތް ކުރަމުންދާ އެތައް ހާސް މަސައްކަތްތެރިންނަކަށް އުޖޫރަ ހަމަޖެއްސުމަށް އަފްގާނިސްތާނުގައި މިހާރު ތަންފީޒު ކުރަމުން އަންނަ މަޝްރޫއެކެވެ.

މި މަޝްރޫއު ފުޅާ ކުރާނެ ކަމަށް ތޯލިބާނުން ބުނެފައި ވާ އިރު، އދއިން ވަނީ އިންސާނީ އެހީގެ ގޮތުގައި އަފްގާނިސްތާނަށް 4.4 ބިލިއަން ޑޮލަރު ބޭނުން ވާ ކަމަށް އިއުލާން ކޮށްފައެވެ. މިއީ މި އަހަރަށް ބޭނުންވާ އެހީ ކަމަށާ، އަފްގާނިސްތާނުގެ އާބާދީގެ 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މީހުންނަށް މި އެހީ ބޭނުން ވާ ކަމަށް އދއިން ބުނެއެވެ.

ތޯލިބާނުންގެ ބާރުގެ ދަށަށް އަފްގާނިސްތާން ގެންދިޔަ ފަހުން، ބައިނަލްއަގުވާމީ މުޖުތަމައުން އަފްގާނިސްތާނަށް ފޯރުކޮށްދެމުން ދިޔަ ގިނަ އެހީތަކެއް މެދުކަނޑާލި ކަމުގައި ވީ ނަމަވެސް، އަފްގާނިސްތާނުގެ ރައްޔިތުން ބަނޑުހައިހޫނުކަމުން ސަލާމަތް ކުރުމަށް، އެކި ފަރާތްތަކުން ދަނީ އެކި ގޮތް ގޮތުން އަފްގާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މަސައްކަތުގެ އުޖޫރައިގެ ގޮތުގައި އަފްގާނިސްތާނުގައި މިހާރު ބަހަމުން ދަނީ، އެ ގައުމުގެ ކުރީގެ ސަރުކާރުން ވެރިކަން ހިންގި ދުވަސްވަރު ލިބިފައި ހުރި ގޮދަނުގެ ޝިޕްމަންޓުން ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 40000 އެއްހާ މަސައްކަތްތެރިންނަށް 10 ކިލޯގްރާމްގެ ގޮދަން ދޭ ކަމަށް ހަބަރު ލިބެއވެ.

މި މަޝްރޫއު މިހާރު މައިގަނޑު ގޮތެއްގައި ހިންގަމުން ދަނީ ވެރިރަށް ކާބުލް ސަރަހައްދުގައި ކަމަށް ވާ އިރު، ތޯލިބާނުން ވަނީ، އަފްގާނިސްތާނުގެ އެކި ސަރަހައްދުތަކަށް މި މަޝްރޫއު ފުޅާ ކުރާނެ ކަމަށް ބުނެއެވެ.