އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް (އޯއޭސީޕީ)ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާއަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

މި ގޮތަށް ނިންމަވާފައިވަނީ، މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހުގައެވެ.

ރައީސް އޮފީހުން ބުނީ ދިވެހިރާއްޖެ މި ޖަމްއިއްޔާގެ މެންބަރު ގައުމަކަށްވުމުން ދިވެހިރާއްޖެއާއި އެފްރިކާ ކެރީބިއަން އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރުން، ދިވެހިރާއްޖެއިން ވަކާލާތުކުރަމުން އަންނަ މުހިންމު މައްސަލަތައް ކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓަށް ކުރާ އަސަރުތައް ފަދަ ގިނަ ދާއިރާތަކުގައި އަޑުއުފުލުމުގެ ފުރުސަތު ފުޅާވެގެންދާނެ ކަމަށެވެ. އަދި ތަރައްގީގެ އެކިއެކި ޕްރޮޖެކްޓްތަކަށް ފައިނޭންސް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ އޯއޭސީޕީ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިންސްޓިޓިއުޝަންތަކުގެ އެހީތެރިކަން ލިބުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށެވެ. އެގޮތުން ދިވެހިރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށާއި ދިވެހިރާއްޖެއަށް ޔޫރަޕުގެ ޝެންގަން ވިސާ ހޯދުމަށް ލުއި ފަސޭހަވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ރައީސް އޮފީހުން ބުނެއެއެވެ.

ރައީސް އޮފީހުން ބުނީ މިހާރު 79 ގައުމެއް ބައިވެރިވާ މި ޖަމްއިއްޔާގައި ރާއްޖެއިން ބައިވެރިވެއްޖެނަމަ ދިވެހިރާއްޖެ ވެގެންދާނީ މި ޖަމްއިއްޔާގައި ބައިވެރިވާ 80 ވަނަ މެންބަރު ގައުމަށް ކަމަށެވެ. ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން ދިވެހިރާއްޖެ ފިޔަވާ ކުދި ޖަޒީރާ ހުރިހާ ގައުމުތަކަކީ މި ވަގުތު މި ޖަމްއިއްޔާގެ މެންބަރު ގައުމުތަކެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.