ރާއްޖޭގައި މި ދުވަސްވަރު ކޮވިޑް-19 ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ ކޮވިޑް-19ގެ ހާލަތާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވަމުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ކޮވިޑް ބަލި ހުރިކަން ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓް، އާންމުންނަށް ފަސޭހަކަމާއެކު ހެދޭނެ ގޮތްތައް ހަމަޖެއްސެވުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ކޮވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމުގެ ކަންކަން ފުޅާކުރައްވާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ވީހާވެސް ގިނަ ފަރާތްތަކަށް ވެކްސިން ޖެހޭނެ އިންތިޒާމުތައް، އާންމުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަކަށް ހަމަޖެއްސެވުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
ރާއްޖޭގައި ކޮވިޑުގެ ކޭސްތައް މިފަހުން އިތުރުވެފައިވާއިރު، ވެރިރަށް މާލޭގައިވެސް ކޮވިޑުގެ ކޭސްތައް އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ޖޫން މަހުން ފެށިގެން ދުވާލަކު 20 އާއި 40 އާ ދެމެދު ކޮވިޑުގެ ކޭސްތައް ފެންނަމުން ދިޔަ މާލޭގައި މިހާރު ދުވާލަކު 100 އަށް ވުރެ ގިނަ ކޮވިޑް ކޭސްތައް ދަނީ ފެންނަމުންނެވެ.
މާލޭގައި ކޮވިޑު ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު ގިނަވުމުން، އެޗްޕީއޭއިން ވަނީ، މާސްކު ނާޅާ ނަމަ ފިޔަވަޅު އަޅަން ނިންމައި މާސްކު އަޅަން މަޖުބޫރު ކޮށްފައެވެ.
މީގެ އިތުރުން، މާލޭގައި މީހުން އެއްވާ ގޮތަށް ހަލްފާތައް ބާއްވާއިރު، 50 އަށް ވުރެ ގިނަ މީހުން އެއްނުވުމަށާއި 50 މީހުންނަށް ވުރެ މަދުން އެއްވާ ގޮތަށް ހަފްލާތައް ބޭއްވި ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ. އަދި ކޮވިޑް-19 ޖެހޭ މީހުން ކަރަންޓީން ކުރާ މުއްދަތު 10 ދުވަހަށް ކުރުކުރަން ވެސް ވަނީ ނިންމާފައެވެ.