ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުން ކަރަންޓީން ކުރާ މުއްދަތު 10 ދުވަހަށް ކުރުކުރަން އެޗްޕީއޭއިން ނިންމައިފިއެވެ.

މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓާ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިހާރު ކޮވިޑް ޖެހޭ މީހުންގެ ކިބައިން އަލާމާތެއް ނުފެނު ނަމަވެސް 14 ދުވަހު ކަރަންޓީން ކުރާ ކަމަށާއި ނަމަވެސް އެ ނިންމުން ބަދަލުކޮށް ވެކްސިން ފުރިހަމަ ކޮށްފައި ވާނަމަ ދިހަ ދުވަހަށް ކަރަންޓީން މުއްދަތު ކުރުކުރަން ނިންމާފައިވާ ކަމަށެވެ.

ޑައިރެކްޓް ކޮންޓެކްޓް ވާ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ކަރަންޓީން ކުރާނީ 10 ދުވަހަށް ކަމަށާއި ނުވަތަ ފަސް ދުވަސް ފަހުން ޓެސްޓް ކުރުމަށް ފަހު ޓެސްޓް ނެގެޓިވް ވެއްޖެނަމަ ވަގުތުން ދޫކޮށްލާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ މިބަދަލު ގެނައި ނަމަވެސް އަދިވެސް ވެކްސިން ފުރިހަމަ ނުކުރާ މީހުން 14 ދުވަހު ކަރަންޓީން ކުރާނެ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ އިތުރުން މާފުއްޓާއި ކުޑަހުވަދޫން ކޮވިޑް-19، އޮމިކްރޯން ވޭރިއަންޓް ފެނިފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.