ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ސީރީޒް "ސްކުއިޑް ގޭމް"ގެ ތަރި، އޯ ޔިއޯންގް-ސޫ، ގޯލްޑަން ގްލޯބެއް ކާމިޔާބުކޮށް، ދެކުނު ކޮރެއާގެ މުނިފޫހިފިލުވުމުގެ ތާރީހުގައި އޭނާގެ ނަން، ރަން އަކުރުން ފަވާލައިފިއެވެ.

އޯ އަކީ، ދެކުނުގެ ފިލްމީ ތާރީހުގައިވެސް ގޯލްޑަން ގްލޯބެއް ކަށަވަރު ކުރި ފުރަތަމަ ބަތޮލެވެ.

މި އަހަރުގެ ގޯލްޑަން ގްލޯބްސް ހަފުލާގައި، އުމުރުން 77 އަހަރުގެ ބަތޮލް، އޯ، އެވޯޑް ހާސިލު ކުރީ ބެސްޓް ސަޕޯޓިންގް އެކްޓާ އިން ޓެލެވިޝަންގެ ކެޓަރީއިންނެވެ. "ސްކުއިޑް ގޭމް"ގައި އޯ ފެނިގެން ދިޔައީ އޯ އިލް-ނާމް ނުވަތަ "ޕްލޭޔާ 001" ގެ ގޮތުގައެވެ.

މި އަހަރުގެ ގޯލްޑަން ގްލޯބްސް އެވޯޑް ހަފުލާ ކުރިއަށް ގެންގޮސްފައި ވަނީ، ޕްރައިވެޓް ހަފުލާއެއްގެ ގޮތުގައި އޮންލައިންކޮށް ސްޓްރީމް ކޮށްގެންނެވެ. އެވޯޑް އިންތިޒާމް ކުރާ ފަރާތުން މީގެ ކުރިން ވަނީ، އެވޯޑް ދިނުމުގައި ޑައިވާސިޓީ ނުވަތަ ސިންދަފާތުކަން ކުޑަ ވުމުގެ ސަބަބުން، މި އަހަރުގެ އިވެންޓް ބާއްވާނީ ފަނޑު ގޮތަކަށް ކަމަށް ބުނެފައެވެ.

ސެޕްޓެމްބަރު 17، 2021ގައި ނެޓްފްލިކްސްއިން ލޯންޗުކުރި "ސްކުއިޑް ގޭމް"އަކީ އެ ޕްލެޓްފޯމްގައި މިހާތަނަށް ލޯންޗުކުރި އެންމެ ވަރުގަދަ ސީރީޒްއެވެ. ފުރަތަމަ ސީޒަންގެ ކާމިޔާބިއާއެކު 2 ވަނަ ސީޒަނެއްގެ ވާހަކަ ދެކެވެމުން ދިޔަ ނަމަވެސް، އެއްވެސް ފަރާތަކުން އަދި މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.