މާފަންނު ރަސްފަންނު ސަރަހައްދުގައި ބޭއްވި ނައިޓް މާކެޓަށް ފަހު، މަޖީދީ މަގުގައި ހުރި ކުނިތައް ނަގައި ސިޓީ ކައުންސިލުން އެ ސަރަހައްދު ސާފުކޮށްފިއެވެ. ނަމަވެސް ރަސްފަންނާ ވީ ފަޅީގެ ކުނިތައް އަދި ހުރީ ހުރި ގޮތަށެވެ.

މާލޭގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވާން ފެށުމުން، އެޗްޕީއޭއިން ވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ނައިޓް މާކެޓް ހިންގުމަށް ދީފައިވާ ހުއްދަ ބާތިލް ކޮށްފައެވެ. ނައިޓް މާކެޓް ހުއްޓުވުމަށް ފަހު، ރަސްފަންނުގައި ކުނިބުނި ހުރީ ޖަމާވެފައެވެ. އެހެންވެ، ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ކައުންސިލުން ބުނީ، ނައިޓް މާކެޓު އިންތިޒާމް ކުރި ފަރާތުގެ ގާތުގައި އެ ސަރަހައްދު ސާފުކުރަން އެންގުމުންވެސް އެކަމަށް އެއްބާރުލުން ދީފައިނުވާ ކަމަށާއި، އެ ކުންފުންޏާއެކު ވެފައިވަނީ ދިހަ ދުވަހުގެ އެއްބަސްވުމެއް ނަމަވެސް، އޭގެ އެއްދުވަސް ކުރިން ނައިޓް މާކެޓް ހުއްޓާލުމުން އެ ކުންފުންޏަށް ބޮޑެތި ގެއްލުން ވެފައިވާ ކަމަށެވެ.

އަދި ކައުންސިލުން އިސްވެ އެ ސަރަހައްދު ސާފުކުރީ އާންމުންނަށް ދަތިވާނެހެން ކުނި ހުރުމުން އާންމުންނަށް އުނދަގޫވާނެ ކަމަށް ދެކޭތީ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ނައިޓް މާކެޓު ބާއްވަން ދިން ހުއްދަ ދެ ފަހަރެއްގެ މަތިން ބާތިލްކުރިއެވެ. ފުރަތަމަ ދިން ހުއްދަ ބާތިލްކުރީ މާލޭގައި ކޮވިޑުގެ ކޭސްތައް އިތުރުވާން ފެށުމާ ގުޅިގެންނެވެ. ނަމަވެސް ނައިޓް މާކެޓުގައި ވިޔަފާރިކުރާ ފަރާތްތަކުގެ އެދުމުގެ މަތިން އަލުން ހުއްދަ ދިނުމަށްފަހު، އެ ހުއްދަ ބާތިލްކުރީ އެންމެ ފަހުން ފެށި ނައިޓް މާކެޓު އެޗްޕީއޭގެ ގައިޑްލައިންތަކަށް ނުފެތޭ ކަމަށް ބުނެއެވެ.

ނައިޓް މާކެޓުގެ ހުއްދަ ބާތިލްކުރުމުން، އެ ސަރަހައްދުގައި ވިޔަފާރިކުރަމުން ދިޔަ ބައެއް މީހުން މުޒާހަރާވެސް ކޮށްފައިވެއެވެ.