ހޮސްޕިޓަލްތަކުގައި އާއި އެނޫންވެސް އާއްމު ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ހަމަނުޖެހުން އުފެދޭ ކަންކަން ނުކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.

އެޗްއާރްސީއެމުން މިކަމަށް ގޮވާލާފައިމިވަނީ ދާދި ފަހުން އައިޖީއެމްއެޗް ތެރޭގައި އިދިކޮޅު ކޯލިޝަން ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ދަނޑިވަޅެއްގައެވެ.

އެޗްއާރްސީއެމްއިން ބުނީ، ރާއްޖޭގައި ކުރިއަށްގެންދާ އެއްވުންތައް އާއްމުކޮށް މޮނީޓާކުރާ އުސޫލުން މިހާރު ކުރިއަށްދާ މުޒާހަރާތައް ވެސް މޮނީޓާކުރަމުންދާ ކަމަށެވެ.

މިގޮތުން މިމަހު 7 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޮމިޝަނުގެ ޓީމެއް އައިޖީއެމްއެޗަށް ގޮސް އެމައްސަލައާ ގުޅުން ހުރި ފަރާތާ ބައްދަލުކޮށް ހާލު ބަލާފައިވާ ކަމަށް އެޗްއާރްސީއެމްއިން ބުނެއެވެ. އަދި އެ މައްސަލަ އެކޮމިޝަނުން ބަލަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެޗްއާރްސީއެމްއިން ބުނީ، ސުލްހަވެރިކަމާއި އެކީ އެއްވުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ.

ނަމަވެސް އާންމު ސިއްހަތުގެގެ މި ނާޒުކު ހާލަތުގައި ހޮސްޕިޓަލްތަކާއި މި ނޫން ވެސް އާންމު ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ހަމަނުޖެހުން އުފެދޭ އެއްވެސް ކަމެއް އެއްވެސް މީހަކު ނުކުރުމަށް އެޗްއާރްސިއެމްއިން ވަނީ ގޮވާލާފައެވެ.

އަދި އެއްވުމުގެ ހައްގު ބޭނުން ކުރަންވާނީ ގާނޫނީ އިމުގެ ތެރެއިން، ސުލްހަވެރިކަމާއި އެކުގައި ކަމަށް އެޗްއާރްސިއެމްއިން ވަނީ ބުނެފައެވެ.

އެޗްއާރްސިއެމްއިންއިން އިތުރަށް ބުނީ ހައްގުތައް ބޭނުން ކުރުމުގައި އަނެކާގެ ހައްގަށް އިހުތިރާމުކޮށް، ކޮވިޑު ފެތުރެމުންދާ މި ނާޒުކު ދަނޑިވަޅުގައި އެޗްޕީއޭގެ ގައުޑްލައިންތަކާ އެއްގޮތަށް އެންމެން ވެސް އަމަލު ކުރުމަށް ގޮވާލާ ކަމަށެވެ.