ވ. ފުއްސަރު ކައިރިން އަޑިއަށް ދިޔަ އަލަމާ-5 ނަމަކަށް ކިޔާ ދޯންޏާއެކު ގެއްލުނު ދިވެހި މީހާ، އާދަމް ޝަފީގު ހޯދުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަން ކުޑަކޮށްފިއެވެ.

އެމްއެންޑީއެފުން ރޭ ބުނީ، އަލަމާ ދޯންޏާއި ދޯނިން ދަތުރުކުރި ތިން މީހުން ކަނޑުވުމާ ގުޅިގެން ކޯސްޓްގާޑުން ކަނޑާއި ވައިގެމަގުން ކުރެވުނު މަސައްކަތުން މިމަހު ފަސް ވަނަ ދުވަހުގެ ހެނދުނު 06:50 ހާއިރު މި ދޯނިން ދަތުރުކުރި ދެ ފަޅުވެރިން ހޯދާފައިވާ ކަމަށެވެ.

ނަމަވެސް މި ދޯނީގެ ކެޕްޓަން ނުފެންނާތީވެ، އޭނާ ހޯދުމަށް ކޯސްޓްގާޑުން ހުއްޓުމެއްނެތި މަސައްކަތް ކޮށްފައިވާ ކަމަށާއި މިގޮތުން އޭނާ ހޯދުމަށް ކަނޑާއި ވައިގެ މަގުންް 7299.78 އަކަނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މި ދޯނީގެ ކެޕްޓަން ހޯދުމުގެ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށާއި ކޯސްޓްގާޑާއި އާންމު ފަރާތްތަކާ ގުޅިގެން ހޯދަމުންދިޔަ ދޯނީގެ ކެޕްޓަންގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.

އެހެން ކަމުން ކޯސްޓްގާޑުން ހިންގި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަން، މިމަހު 8 ވަނަ ދުވަހުގެ ރެއާ ހިސާބަށް ހިންގި އެކްޓިވް ސާޗް ވަނީ ސާފޭސް ސާޗަކަށް ބަދަލުކޮށްފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ވަނީ ހޯދަމުންދާ ދޯނީގެ ކެޕްޓަންގެ އިތުރު މައުލޫމާތެއް ނުވަތަ ނިޝާނެއް ފެނިއްޖެނަމަ މި ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން ބަލައިދީ، ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.