ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ފައިޒާ ކުންފުނިން ތަރައްގީ ކޮށްފައި ވާ ވެކްސިނަކީ، ކޮވިޑް ޖެހޭ ކުޑަކުދިންނަށް މަދުން ނަމަވެސް ކުރިމަތިލާން ޖެހޭ ސީރިއަސް ނުރައްކަލަކުން އެ ކުދިން ސަލާމަތް ކުރުމަށް އޮތް އެހީއެއް ކަމަށް، އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އާންމު ކުރި ދިރާސާއެއް ބުނެފިއެވެ.

ތަޖުރިބާކާރުން ގަބޫލު ކުރައްވާ ގޮތުގައި، މި ހާލަތަކީ ކޮވިޑަށް އިންފެކްޓްވެ މަދު ހަފުތާކޮޅެއްގެ ތެރޭގައި، އެތެރެ ހަށީގެ މުހިންމު ގުނަވަންތައް ދުޅަވުމަށް މެދުވެރި ކުރުވާ ހާލަތެކެވެ. އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދު އުމުރުފުރާގެ ކުދިންގެ ތެރެއިން ކޮވިޑް ޖެހޭ ކުދިންނަށް މަލްޓިސިސްޓަމް އިންފްލަމޭޓަރީ ސިންޑްރޯމް ޖެހުމުގެ ފުރުސަތު، ވެކްސިންގެ ސަބަބުން 91 ޕަސެންޓް ކުޑަކޮށްދޭ ކަމަށް މައުލޫމާތު ލިބެއެވެ.

މި ސިންޑްރޯމްގެ ސަބަބުން ކުޑަކުދިންގެ ހިތް، ފުއްޕާމޭ، ކިޑްނީ އަދި ސިކުނޑި ފަދަ މުހިންމު ގުނަވަންތައް ދުޅަކޮށްލައެވެ.

ކަން މިހެން އޮތް އިރު، އެމެރިކާޑްގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އާއި ސީޑީސީއިން ވަނީ، އުމުރުން 12 އަހަރުން މަތީގެ ހުރިހާ ކުދިންނަށް ފައިޒާ ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަން އިރުޝާދު ދީފައެވެ. ބޫސްޓާ ޑޯޒް ޖަހަނީ، ކޮވިޑް ވެކްސިންގެ ފުރަތަމަ 2 ޑޯޒް ފުރިހަމަ ކުރާތާ، އެންމެ މަދުވެގެން 5 މަސްދުވަސް ވުމުންނެވެ. ބޫސްޓާ ޑޯޒްއާ ދެކޮޅަށް، ސީޑީސީގެ އެޑްވައިޒަރީ ޕެނަލުން ދީފައި ވަނީ އެންމެ ވޯޓެކެވެ.

މި ދުވަސްވަރަކީ ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ރިޕޯޓް ކުރި އޮމިކްރޯން ވޭރިއަންޓާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް ކޭސްތައް އިތުރު ވަމުން އަންނަ ހައްސާސީ ދުވަސްވަރެކެވެ.