ފިލްމް "ރަސްޓް"ގެ މަންޒަރުތައް ނަގަމުން ދަނިކޮށް އޭނާ ޖެހި ބަޑިއަކުން ލައިވް ވަޒަނެއް ދޫވެ، ކުރޫ މެންބަރަކު މަރުވެ، އިތުރު މެންބަރަކު ޒަހަމްވި ހާދިސާގެ ތަހުގީގަށް، ހޮލީވުޑް ބަތޮލް އެލެކް ބޯލްޑްވިން އެއްބާރުލުން ނުދޭ ކަމަށް ބުނެ ފެތުރެމުންދާ އަޑުތަކަށް އޭނާ ރައްދު ދީފިއެވެ.

ފުލުހުން ދަނީ ތަހުގީގު ބޭނުމަށްޓަކާ ބޯލްޑްވިންގެ މޯބައިލް ފޯނު އަތުލުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ތަހުގީގަށް ލިބޭނެ އެހީއަކަށް ވާނެ ކަމަށް ފުލުހުން ގަބޫލު ކުރެއެވެ.

ބޯލްޑްވިންގެ މޯބައިލް ފޯނު އަތުލުމަށްޓަކާ ކޯޓު އަމުރެއްގެ ދަށުން މަސައްކަތް ކުރަމުން އަންނަތާ 3 ހަފުތާއެއްހާ ދުވަސް ވެފައި ވީ ނަމަވެސް، އަދިވެސް އެކަން ކާމިޔާބު ވާ ގޮތެއް ނުވެއެވެ.

ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ފެތުރެމުންދާ އަޑުތަކަށް ބޯލްޑްވިން ރައްދު ދީފައި ވާއިރު، އޭނާ ބުނާ ގޮތުގައި، ފޯނުން ހޯދަން ބޭނުންވަނީ ކަނޑައެޅިގެން ކޮން މައުލޫމާތެއް ކަން ބަޔާން ކޮށްދިނުމަށް ވަގުތުތަކެއް ހޭދަވެގެން ދަނީ ކަމަށެވެ.

އިންސްޓަގްރާމަށް ދޫކޮށްލާފައި ވާ ދިގު ބަޔާނެއްގައި، އުމުރުން 63 އަހަރުގެ ބަތޮލް ބުނީ، ތަހުގީގަށް އެއްބާރުލުން ދިނުމަށް އޭނާ ގަސްތުގައި ދެކޮޅު ހަދާ ކަމަށް ބުނެ ފަތުރަމުން ދަނީ، ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ.

މި މޭރުމުން ބޯލްޑްވިން ބުނީ، ފޯނު ގެންގޮސް، އޭގައި ހުރި ފޮޓޯތަކާ، އަނބިމީހާއަށް ލިޔެފައި ވާ ލޯބީގެ ސިޓީތަކަކީ ފުލުހުންނަށް ހޯދޭނެ އެއްޗިއްސެއް ނޫން ކަމަށާ، ބޭނުންވާ ވަކި އެއްޗެއް ހޯދުމުގެ މަރުހަލާއަށް ވަގުތުތަކެއް ނަގާ ކަމަށެވެ. ކޮންމެ ގޮތަކަށް ކަން ހިނގި ކަމުގައި ވީ ނަމަވެސް، އޭނާ ހުރީ އެއްބާރުލުން ދިނުމަށް 1000 ޕަސެންޓްވެސް ތައްޔާރަށް ކަމަށް ބޯލްޑްވިން ވަނީ ބުނެފައެވެ.

ޑިސެމްބަރު 16، 2021 ވަނަ ދުވަހު ދިން ކޯޓު އަމުރާ ގުޅިގެން ތަހުގީގު ޓީމުން ބުނީ، އެމީހުން ހޯދަމުން ދަނީ، ފިލްމުގެ ޕްރޮޑަކްޝަނާ ގުޅުން ހުރި ޓެކްސްޓް މެސެޖާ، ފޮޓޯ، ވީޑީއޯ ނުވަތަ ކޯލުތައް ކަމަށެވެ.

"ފިލްމް" ރަސްޓްގެ މަންޒަރެއް ނެގުމަށް ފަރިތަ ކުރުމަށް ޖެހި ބަޑިން، ލައިވް ވަޒަނެއް ދޫވެ، ފިލްމުގެ ސިނަމަޓޮގްރާފަރުގެ ފުރާނަ ގެއްލިފައި ވާއިރު، ބޯލްޑްވިން އާ ދެކޮޅަށް ހުށަހަޅާފައި ވާ ދައުވާގައި ބުނެފައި ވަނީ، އެ މަންޒަރުގައި ބަޑި ޖެހުމަށް، ފިލްމުގެ ސްކްރިޕްޓްގައި ބުނެފައި ނުވާ ކަމަށެވެ.