އިގުތިސޯދީ އަދި މާލީ އަނދަވަޅަކަށް ވެއްޓި، އާންމު ދިރިއުޅުމުގެ ހިދުމަތްތަކަށް ބުރޫއަރަމުން ދާ ސްރީލަންކާއިން، ޗައިނާއަށް ދަރާފައި ވާ ބޮޑު ދަރަނި ދައްކާ ހަލާސް ކުރުމުގެ ރީސްޓްރަކްޗާ ކޮށްދިނުމަށް، ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ، ޗައިނާގައި ދަންނަވައިފިއެވެ.

ސްރީލަންކާގެ ބޮޑު ދަރަނި ރީސްޓްރަކްޗާ ކޮށްދިނުމަށް ގޮތަބާޔާ އެދިވަޑައިގަތީ، ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީ، ސްރީލަންކާއަށް ކުރެއްވި ދަތުރުގައި އޭނާއާ ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ކުރިމަތިލާން ޖެހިފައި ވާ އިގުތިސޯދީ ކާރިސާއަށް އޮތް ހައްލަކަށްވެސް، ދަރަނި ރީސްޓްރަކްޗާ ކުރުން ވެގެން ދާނެ ކަމަށް ގޮތަބާޔާ ވަނީ ޗައިނާގެ ވަޒީރަށް ދަންނަވާފައެވެ.

މީގެ އިތުރުން، ކްރެޑިޓް ސްކީމް އުސޫލުން މުދާ އިމްޕޯޓް ކުރެވޭނެ އުސޫލެއް ހަމަޖެހިއްޖެ ނަމަ، ސްރީލަންކާގެ ސިނާއީ އޮޕަރޭޝަންތައް، އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގެ މަގު ތަނަވަސް ވެގެން ދާނެ ކަމަށްވެސް ގޮތަބާޔާ ވަނީ ފާހަގަ ކުރައްވާފައެވެ. މާލީ އިގުތިސޯދީ ހީނަރުކަން ކުރިމަތިވެ، ސްރީލަންކާގެ ގިނަ ސިނާއަތްތަކެއްގެ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ޑޮލަރު ލިބުން ދަތިވެ، ހަކަތަ ހޯދުމަށް ހުރަސްތަކެއް ކުރިމަތި ވުމަކީ މިއަދު އެ ގައުމަށް ކުރިމަތިލާން ޖެހިފައި ވާ އެންމެ ބޮޑު ގޮންޖެހުމެވެ.

ކަން މިހެން އޮތް އިރު، ސްރީލަންކާގެ މާލީ ވަޒީރު ބާސިލް ރާޖަޕަކްސަ ވަނީ، އެ ގައުމުން، ބޭރުގެ ފަރާތްތަކަށް ދަރާފައި ވާ ދަރަނިތަކުގެ ތެރެއިން މި އަހަރު ތެރޭގައި ހަލާސް ކުރަން ޖެހޭ މިންވަރު، އަދާ ކޮށް ނިންމޭނެ ކަމުގެ ގާބިލު ކަން، ލަންކާ ސަރުކާރަށް ލިބިގެން ވާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް، މި ދަނޑިވަޅަކީ ސްރީލަންކާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި، ޒަރޫރީ ހިދުމަތްތަކަށްވެސް ބުރޫ އަރަމުންދާ ދަނޑިވަޅެއް ކަން ފާހަގަ ކުރަން ޖެހެއެވެ. އެގޮތުން، ވެރިރަށް ކޮޅުނބުން ވަކި ވަގުތުތަކަށް ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ޖެހިފައި ވާއިރު، މެހެމާންދާރީއާ ގުޅިފައިވާ ތަންތަނުގައިވެސް ދަރު އުނދުނަށް ބަރޯސާވާން ޖެހުން ފަދަ ހާލަތްތައް ވަނީ މެދުވެރިވެފައެވެ.