ކ. ގުރައިދޫ ގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ އުމުރުން ދުވަސްވީ މީހުންނަށް ދޭ ހިދުމަތްތައް ރަނގަޅުކުރުމުގެ ގޮތުން، ޖެންޑާ މިނިސްޓްރީ އާއި، އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އޭޖްޑް ކެއާ މޯލްޑިވްސް އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއެވެ. އަދި އޭޖްޑް ކެއާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ، އެ ޖަމިއްޔާގެ ސީއީއޯ އަދި ފައުންޑަރު ޑރ. އާމިނަތު ޖަމީލެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ހިދުމަތްދޭ މުވައްޒަފުންނަށް އަމާޒު ކޮށްގެން ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވުމަކީ ލިބުނު ކުރިއެރުމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން އެ މަރުކަޒުން ދޭ ހިދުމަތްތަކަށް، ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، އޭޖްޑް ކެއާ އާ އެކު ވެވުނު މި އެއްބަސްވުމުގެ ދަށުން، ކޮންމެ ހަތަރު މަހަކުން އެއްފަހަރު މުވައްޒަފުންނަށް ތަމްރީން ހިންގުމާއި، މުވައްޒަފުންނާ މަޝްވަރާކޮށް ކަސްރަތާއި އެހެނިހެން ހަރަކާތްތައް ގަވައިދުން ހިންގޭނެ ތާވަލެއް ހެދުމުގައި އެހީތެރިވެދިނުމާއި، މަރުކަޒުގައި ކުޅިވަރުގެ ހަރަކާތް ރޭވުމުގައި އެހީތެރިވެދިނުމުގެ އިތުރުން، ޑައިޓީޝަނެއްގެ އެހީގައި ޑައިޓް ޕްލޭނެއް ހަދައި ކޮންމެ ތިން މަހަކުން މުރާޖާކުރުން ފަދަ ކަންކަން ކުރަމުން ދާނެ ކަމަށެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، އެ މަރުކަޒުގައި ތިބޭ އުމުރުން ދުވަސްވީ މީހުންނަށް ދެވޭ ހިދުމަތްތައް ރަނގަޅުކޮށް، އެ މީހުންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރެވިގެންދާނެ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.