ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ޝިކާރައިގެ މައިދާނަކަށް އެ ގައުމު ވެފައި ވާ ކަމަށް، ސްރީލަންކާގެ އިދިކޮޅު ލީޑަރު، ސަޖީތު ޕްރޭމަދާސަ ބުނެފިއެވެ.

ސަރުކާރުގެ "ދޯހަޅި" ސިޔާސަތުތަކުގެ ސަބަބުން، ދުވަހަކަށް ފަހު ދުވަހެއް، ސްރީލަންކާ ދަނީ ފުންމިން ނޭނގޭ އަނދަވަޅެއްގެ އެންމެ ފުނަށް ވެއްޓެމުން ކަމަށާ، ސްރީލަންކާގެ ހުރިހާ ހިސާބަކުން މިހާރު ފެންނަނީ ކަރުނައާ، ވޭނާ، ތަދާ، ކަންކަމުން މަހްރޫމުވެ، ސްޓްރެސް ބޮޑުވެފައި ވާ މަންޒަރު ކަމަށްވެސް އޭނާ ވަނީ ސިފަކޮށްފައެވެ.

ވަވުނިޔާގައި ކުރިއަށް ދިޔަ އިވެންޓެއްގައި މިފަދަ ރޫހެއްގައި ވާހަކަ ދައްކަމުން އިދިކޮޅު ލީޑަރު ޕްރޭމަދާސަ ވަނީ، ސަމާގީ ޖަނާ ބަލަވެގަޔާއާއެކު، މި ގޮންޖެހުމުން އަރައިގަތުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށް ބުނެ، އެކަމަށް ވަކާލާތު ކުރުމަށް ސްރީލަންކާގެ ރައްޔިތުންނަށް ގޮވާލާފައެވެ.

މި ދަނޑިވަޅަކީ އިގުތިސޯދީ އަދި މާލީ ގޮތުން ސްރީލަންކާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައި ވާ ދަނޑިވަޅެކެވެ. ހަކަތައިގެ އިތުރުން ހަނޑުލާއި ހިކިކިރު ފަދަ ޒަރޫރީ ގިނަ އުފެއްދުންތަކެއްގެ ސަޕްލައި ދަށްވެ، އަގުތައް އުފުލުމުގެ އިންތިހާ ބިރު ބޮޑުވެފައި ވާއިރު، ބޭރު ފައިސާ ލިބުންވެސް ލަންކާގައި ވަނީ ދަތިވެފައެވެ.

ކަން މިހެން އޮތް އިރު ސްރީލަންކާގެ ސަރުކާރުން ވަނީ އެ ގައުމުން ބޭރުގެ ފަރާތްތަކަށް ދަރާފައި ވާ ދަރަނިން، މި އަހަރަށް ހަލާސް ކުރަން ޖެހޭ ބައި، އަދާ ކުރެވޭނެ ކަމަށް ބުނެފައެވެ.