އަންނަ އަންގާރަ ދުވަހުން ފެށިގެން އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން ހަތް ދުވަހު ކަރަންޓީނުވާން ޖެހޭ ގޮތަށް އެގައުމުގެ ދަތުރުފަތުރުގެ އުސޫލަށް ބަދަލު ގެނެސްފިއެވެ.

އިންޑިއާއިން މިގޮތަށް ފިޔަވަޅު އަޅަން ނިންމާފައިވަނީ، އެ ގައުމުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ ދަނޑިވަޅެއްގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުންނެވެ.

އިންޑިއާގެ ސަރުކާރުން އެންމެ ފަހުން އާންމުކުރި ދަތުރުކުރުމުގެ އުސޫލުތަކުގައިވާ ގޮތުން، އެ ގައުމަށް އެތެރެވާ ފަރާތްތަކުން ހަތް ދުވަހަށް ކަރަންޓީނު ވާން ޖެހޭނެއެވެ. އެއަށް ފަހު ޕީސީއާރު ޓެސްޓެއް ހެދުމަށްފަހު، ނަތީޖާ "އެއާ ސުވީދާ" ޕޯޓަލަށް ފޮނުވަން ޖެހޭނެއެވެ. ނަތީޖާ ނެގަޓިވްވެއްޖެ ނަމަ، އެ މީހާގެ ހާލަތު އަމިއްލައަށް މޮނިޓާ ކުރެވޭނެ، ނަމަވެސް ޕޮޒިޓިވްވެއްޖެ ނަމަ، ސަރުކާރުން ކަނޑައަޅާ ތަނެއްގައި އެކަހެރިވާން ޖެހޭނެއެވެ.

ހަމަ އެއާއެކު، އިންޑިއާއަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް، ދަތުރު ޝެޑިއުލާއެކު، 14 ދުވަހުގެ ތެރޭގައި ދަތުރުކޮށްފައިވާ ތަންތަނުގެ މައުލޫމާތު ޕޯޓަލަށް ފޮނުވަން ޖެހޭއިރު، އެ ގައުމުގެ ސަރުކާރުން އެކުލަވާލާފައިވާ ހައި ރިސްކު ގައުމަކުން އެތެރެވާ ނަމަ، ކޮވިޑަށް ޓެސްޓު ހަދަން ޖެހެއެވެ.

ރާއްޖޭގެ ގިނަ މީހުން ބޭސްފަރުވާ އާއި ޗުއްޓީއަށް ދާ އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް ފެތުރޭތީ ސިނަމާ ތަކާއި ޖިމް ފަދަ ތަންތަން ބަންދުކޮށް، ކާފިއު ހިންގަން ވަނީ ފަށާފައެވެ.