ވެރިކަން ހޯދަން މަސައްކަތް ކުރަންވީމައި މަނީ ލޯންޑަރިންގެ ކުށް ކޮށްފައި ތިބި މީހުންނާއި ބަޣާވާތް ކޮށްފައި ތިބި މީހުން "އޯކޭ" ކަމަށް ވިދާޅުވެ، އެމްއެންޕީގެ އެއް ނައިބު ރައީސް އަހުމަދު އުޝާމް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރައްދު ދެއްވައިފިއެވެ.

ވެރިކަން ކުރާ އެމްޑީޕީން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕޭން އިފްތިތާހު ކުރުމުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުން ވޯޓު ދޭން ވާނީ މަސްތުވާތަކެއްޗާއި، ވަގު ވިޔަފާރި އާއި، މަނީ ލޯންޑާ ކުރުމާއި، ބަޣާވާތް ކުރުމާ ދެކޮޅަށް ކަމަށާއި، އެފަދަ ބަޔަކާ އެއްކޮޅަށް ވޯޓު ދީގެން ނުވާނެ ކަމަށެވެ.

"ތި ބޭފުޅުން ވޯޓު ދެއްވަންވާނީ ޑްރަގްގެ ވިޔަފާރިއާ ދެކޮޅަށް، އަދި ވަގު ވިޔަފާރިއާވެސް ދެކޮޅަށް. ދައުލަތުގެ ފައިސާއިން މަނީ ލޯންޑާ ކުރުމާވެސް ދެކޮޅަށް، އަދި ބަގާވާތާ ވެސް ދެކޮޅަށް."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސްގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން، ވިލިމާލެ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ އުޝާމް ވިދާޅުވީ، ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި ބަޣާވާތުގެ ބައިވެރިންނާއި، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވެ، އެ ހިޔާނާތުގެ ފައިސާ ލިބުނު މީހުން އެންމެ ގިނައިންވެސް ތިބީ މިއަދުގެ ސަރުކާރުގައި ކަމަށެވެ.

"ވެރިކަން ހޯދަން އުޅުނުއިރު ބަގާވާތާ މަނީ ލޯންޑަރިންނާ އެމްއެމްޕީއާރުސީގެ ވަގުލާރިތައްވެސް އޯކޭ."
އަހުމަދު އުޝާމް, އެމްއެންޕީގެ ނައިބު ރައީސް

އުޝާމް މިފަދައިން ވިދާޅުވެފައި ވާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ކްރިމިނަލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. އެއީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައި އޭނާ ހުންނެވި އިރު، އޮގަސްޓު 27، 2014 ދުވަހު އެސްއީޒެޑު ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، 33،000 ޑޮލަރުގެ ޗެކެއް މަހްލޫފްގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލްގެ އެކައުންޓަށް އޭގެ ފަސް ދުވަސް ފަހުން ޖަމާކޮށްފައި ވާތީއެވެ.