ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބު ވި ޕާޓީން އަމިއްލައަށް ވަކިވުމުން ނުވަތަ ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު މިހާރުގެ މަޖިލިސް މެންބަރުންނަށްވެސް ހިނގާނެ ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި ދައުލަތުން އެދިއްޖެއެވެ.
މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި 6 ވަނަ އިސްލާހު ބާތިލް ކަމަށް ކަނޑައަޅައި ދޭން ކޯޓަށް ވަޑައިގަތީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިންއެވެ. މި މައްސަލައިގައި އަލީ ހުސެއިންގެ ފަރާތުން ވަނީ އެ އިސްލާހު 20 ވަނަ މަޖިލީހުގެ މެންބަރުންނަށް ނުހިނގާނެ ކަމަށް ކަނޑައަޅައިދޭން އެދިފައެވެ.
ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން އަލީގެ މައްސަލައަށް ފޮނުވި ރައްދުގައި އެދިފައިވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކަކީ ސައްހަ އިސްލާހުތަކެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އަދި މިހާރުގެ މެންބަރުންނަށް ވެސް އެ އިސްލާހުގައިވާ އިޖުރާއަތްތައް ހިނގާނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. މީގެއިތުރުން ގާނޫނުއަސާސީގެ މައްސަލަ ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅައިދިނުމަށްވެސް ވަނީ އެދިފައެވެ.
ނަމަވެސް މި މައްސަލައިގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި މައްސަލަ ބެލޭނެ ކަމަށް ބެންޗުން ނިންމުމާއެކު ދައުލަތުން ވަނީ ޖަވާބުދާރީ ވުމަށް 10 ދުވަހުގެ މުހުލަތަކަށް އެދިފައެވެ. މިއަދުގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ. ދެން ބެންޗުގައި ތިއްބެވީ، ޑރ. އަޒްމިރާލްދާ ޒާހިރާއި، އާއިޝާ ޝުޖޫން މުހައްމަދާއި، މަހާޒު އަލީ ޒާހިރާއި، ހުސްނުއްސުއްސުއޫދާއި، އަލީ ރަޝީދު ހުސައިންގެ އިތުރުން، ޑރ. މުހައްމަދު އިބްރާހީމެވެ. ބަންޑާރަ ނައިބުގެ އޮފީހުން ޖަވާބު ފޮނުވާފައިވަނީ ސުޕްރީމް ކޯޓުން އިތުރުކޮށްދިން މުއްދަތުގެ ތެރޭގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޕާޓީ ބަދަލުކުރުންނާއި ޕާޓީން ވަކިކުރުމުންވެސް މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމާއެކު އެ އިސްލާހު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ހިނގަމުންދަނިކޮށް، އޭސީސީ އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށްބުނެ މިދިޔަ ހަފުތާގައި ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ހުސްނުއްސުއޫދާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރުވެސް ވަނީ ސަސްޕެންޑު ކޮށްފައެވެ.
މިކަމާ ގުޅިގެން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މަގާމުން އިސްތިއުފާވެސް ދެއްވާފައެވެ. އެހެންކަމުން ސުޕްރީމް ކޯޓުގައި މިވަގުތު ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރުންނެވެ. ނަމަވެސް ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން 5 ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ.