"އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު މާލޭގައި ބޭއްވި އިހުތިޖާޖުން 28 މީހަކު ހައްޔަރު ކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ މިއަދުގެ ހަރަކާތުގައި 28 މީހުން ވަރަށް އަނިޔާވެރިކަމާއެކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ލޯ ކައިރީގައި ޖައްސައިފާ ޕެފާ ސްޕްރޭ ޖެހި ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ. މީގެ އިތުރުން އެ މީހުން ހައްޔަރުކުރުމުގައި ބާރުގެ ބޭނުންކުރި ކަމަށްވެސް އިދިކޮޅުން ބުނެއެވެ.

އިދިކޮޅުން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތުގައި އިއްޔެ 6 މީހަކު ހައްޔަރުކުރިއިރު އޭގެ ކުރީދުވަހު 11 މީހަކު ވަނީ ހައްޔަރު ކުރިއެވެ. މި އެންމެންވެސް ވަނީ ދޫކޮށްލާފައެވެ.

އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލާ ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތުގައި އިންޑިއާ ސިފައިން، މިހާރުން މިހާރަށް މި ގައުމުން ބޭރު ކުރުމަށް ގޮވާލާއިރު، މީގެ އިތުރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް މިހާރުގެ ސަރުކާރުން އިންޑިއާ އެކު ހަދަމުންދާ އެއްބަސްވުންތައް ހާމަ ކުރުމަށް ވެސް ގޮވާލައި، އެ އެއްބަސްވުންތައް ބާތިލުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކޮށްލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާއި އެކީ އިތުރަށް ވަނީ ފުޅާ ކޮށްފައެވެ. އެގޮތުން މި ހަރަކާތް މާލޭގެ އިތުރުން ރާއްޖޭގެ ރަށްތަކުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.