އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅުން ހިންގަމުން އަންނަ އިހުތިޖާޖުއި "އިންޑިއާ އައުޓް" ނުގޮވޭނެ ކަމަށާއި "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓް ނުލެވޭނެ ކަމަށް ބުނެ މީހުން ހައްޔަރު ކުރަނީ ވެރިންގެ އަމުރަށް ކަމަށް އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައި ވަނީ އިންޑިއާ އައުޓް ނަމުގައި އެ ކޯލިޝަނުން ކުރިއަށް ގެނދާ އިހުތިޖާޖުތަކުގައި ގިނަ ބަޔަކު ހައްޔަރު ކުރާތީއެވެ، އެ ގޮތުން އިއްޔެ ހަތް މީހަކު، އަދި އޭގެ ކުރީ ދުވަހު 11 މީހަކު ފުލުހުން ހައްޔަރު ކުރިއެވެ. މިކަމާ ގުޅިގެން މިއަދު ޕީޕީއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހަރަކާތުގެ ބައިވެރިން ހައްޔަރު ކުރަމުން އަންނަނީ އިންޑިއާ އައުޓް ނުގޮވޭނެ ކަމަށާއި އެހެން ޖަހާފައިވާ ޓީޝާޓް ލައިގެން ނޫޅެވޭނެ ކަމަށް ބުނެކަމަށެވެ.

ފުލުހުން ޕީޕީއެމްގެ އެކްޓިވިސްޓެއް ހައްޔަރު ކުރަނީ

ހަމައެއާއެކު ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި އެއްވެ އުޅުމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައި ވާ ހައްގުތަކެއް ކަމަށް އިދިކޮޅުން ތަކުރާރުކޮށް ބުނެއެވެ. އެގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ރައްޔިތުން ނުކުމެ އަޑުއުފުލުމުން އެކަން ނުހުއްޓުވޭނެ ކަމަށް އިދިކޮޅުން ބުނެއެވެ.

"އިހްތިޖާޖުގެ ތެރެއިން މީހުން ހިފާ ހައްޔަރު ކުރުމުގައި އެއްވެސް ކަހަލަ ހަމައެއް އުސޫލެއް ނެތްކަމާއި ހައްޔަރުކޮށްގެން ގޮސް އެތައް ގަޑިއިރެއް ވަންދެން ފުލުހުންގެ ބަންދުގައި ބައިތިއްބައި މިފަދަ ހުދުމުހުތާރު ގޮތަކަށް އަމަލު ކުރަމުން ދަނީ ސީދާ ސަރުކާރުގެ އިސްވެރިންގެ އޯޑަރަށްކަން ވަރަށް ސާފް. މިކަންކަން ރާއްޖޭގައި ގާއިމްކުރެވިފައިވާ ތަހްގީގީ އިދާރާތަކުން މިނިވަންކަމާއެކު ތަހްގީގް ކުރުމަށް ގޮވާލަން. އަދި މިއަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން."
ޕީޕީއެމް

ފުލުހުން އިހުތިޖާޖުތައް ރޫޅުމުގައި ގެންގުޅެމުން ދަނީ ވަރަށް އަނިޔާވެރި ގޮތްތަކެއް ކަމަށް ޕީޕީއެމުން ބުނެއެވެ. އެ ގޮތަށް ފުލުހުން އަމަލު ކުރަނީ މި ސަރުކާރުގެ އިސް ވެރިން އަންގާ ޣައިރު ގާނޫނީ އެންގުންތަކުގެ ސަބަބުން ކަމަށާއި މިކަމުން މި ސަރުކާރުން އިންޑިއާއަށް އަޅުވެތިވެފައިވާ މިންވަރު އެނގިގެން ދާ ކަމަށް ޕީޕީއެމުން ބުނެއެވެ

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ވެސް ބެލުމެއް ނެތި ހިފާ ހައްޔަރު ކުރާ ކަމަށާއި ފިރިހެން ފުލުހުން ފޮނުވައިގެން އަންހެނުން ހައްޔަރު ކުރަމުންދާ ކަމަށް ބުނެ ޕީޕީއެމުން އެކަން ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

"އިންޑިއާ އައުޓް" އިނގިރޭސިން ނުޖެހުމަށާއި ދިވެހިން ޖެހުމަށް ފުލުހުން އިއްޔެ އެންގި ކަމަށްވެސް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މި ވާހަކަތައް ދޮގުކޮށް ފުލުހުން ބުނީ އެގޮތަށް އެއްވެސް ފަރާތަކަށް އަނގާފައި ނުވާނެ ކަމަށެވެ.

އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ބުނެ އިދިކޮޅު ކުރި އިހުތިޖާޖެއްގެ ތެރެއިން ---

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ އިހުތިޖާޖުގައި، މިހާރުން މިހާރަށް އިންޑިއާ ސިފައިން މި ގައުމުން ބޭރު ކުރުމަށް ދަނީ ގޮވަމުންނެވެ. ހަމައެއާއެކު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް މިހާރުގެ ސަރުކާރުން އިންޑިއާ އެކު ހަދަމުންދާ އެއްބަސްވުންތައް ހާމަ ކުރުމަށް ވެސް ގޮވާލައި، އެ އެއްބަސްވުންތައް ބާތިލުކުރުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

"އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅަށް ސަރުކާރަށް ނިސްބަތްވާ ބައެއް އިސްވެރިންނާއި މަޖިލީހުގެ ބައެއް މެމްބަރުން ވާހަކަ ދައްކަވާފައި ވާއިރު، މި ހަރަކާތް ކުރިއަށް ގެންދަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުވެސް ވިދާޅުވެފައި ވެއެވެ.