އިންޑިއާ އައުޓު ގަރާރަށް ގޮވެލިފަތި ގޮވަމުން އައި ސަރުކާރުން އަދިވެސް މިއުޅެނީ އެ ގަރާރު ބާތިލު ނުކޮށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެ ނުރުހުން ފާޅުކުރައްވައިފިއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރާ "ޕީއެންއެފް" އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ފެއްޓެވީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންނަވައިގެން ކަަމަށާއި އެ ހަރަކާތުގައި އެކަށީގެންވާ ވަރުގެ މަސައްކަތްތަކެއް ކުރެއްވުނު ކަމަށެވެ. އެހެންނަމަވެސް އޭރު ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގައި ސަލާމަތީ ބާރުތަކަށް އަމުރު ކުރައްވާފައި އޮތީ އެކަން ހުއްޓުވަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެއާއެކު އެ ހަރަކާތް ހިންގުމަށް ރަށްރަށަށް ދިއުމާއި އެކަންކަން ހުއްޓާލީ ސަލާމަތީ ބާރުތަކާ "ކްލޭޝް" ވާތީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން އެންމެ ފުރަތަމަ ވިދާޅުވީ އިންޑިއާ ސަފީރު ގެނެސްފައި މި ތަނުގައި ތިބި އަސްކަރީން ފޮނުވަން އަންގައިފި ކަމަށެވެ. އަދި ދެން ދައްކާ ވާހަކައާއި އަމަލާ ދިމާ ނުވަންޏާ އިހްލާސްތެރިކަން ހުންނާނެތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް ޔާމީން ވަނީ ކުރީގެ ރައީސް ސޯލިހު އިންޑިއާ ރުއްސަން ނެރުއްވި ގަރާރަކީ ގާނޫނާ ހިލާފު ގަރާރަކަށް ވާތީ އެ ވާހަކަ ދެއްކިކަން ފާހަގަކުރައްވާ އެ ގަރާރު ބާތިލު ނުކޮށް މި ސަރުކާރުން އުޅެނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އަދި އިންޑިއާ އައުޓް ބެނާ ދަމާ އެ ހަރަކާތުގައި މަގުމައްޗަށްވެސް ނިކުމެވޭނީ އެ ގަރާރު ބާތިލު ކުރުމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރަރީސް ޔާމީން ވިދާޅުވީ އަދިވެސް އެކަމަކު އެ ގަރާރު ބާތިލެއް ނުކުރާ ކަމަށާއި ކުރީގެ ރައީސް ސޯލިހުގެ ވާދަވެރިންގެ ގޮތުގައި އިދިކޮޅުގައި ތިބިއިރު އެންމެން މަގުމަތީގައި އުޅުނީ އެ ގަރާރު ގޯސް ކަމަށް ބުނެ ކަމަށާއި އިންޑިއާ އައުޓް ހުއްޓުވުމުން އެކަމާ އިހުތިޖާޖު ކުރި ކަމަށެވެ.

ރައީސް ޔާމީން ވަނީ މިކަންކަމަށް ގޮވެލިފަތި ގޮވަމުން އައި ސަރުކާރެއް އަދިވެސް މިއުޅެނީ އެ ގަރާރު ބާތިލު ނުކޮށް ކަމަށް ވިދާޅުވެ އެކަމުގެ ސިއްރަކީ ކޮބައިތޯ އައްސަވާފައެވެ.