ކުރިއަށް އޮތް ދުވަސްތަކަކީ ރާއްޖެއަށް އުފެއްދުން ތެރި ދުވަސްތަކަކަށް ވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ މިއަދު ޗައިނާގެ ފޮރިން މިނިސްޓަރު ވާން ޔީ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާތީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޝާހިދު ރާއްޖެއަށް ވަޑައިގަތުމަށް ފަހު ކުރެއްވި ޓްވީޓެއްގައެވެ. ޝާހިދު ވިދާޅުވީ، ރާއްޖެއަށް އެނބުރި ވަޑައިގަތުމަކީ އުފާކުރައްވާ ކަމެއް ކަމަށާއި އަމިއްލަ ވަޒަން ފަދަ ދެވަނަ ތަނެއް ނުހުންނާނެ ކަމަށެވެ.
ޗައިނާގެ ފޮރިން މިނިސްޓަރުގެ ދަތުރުގެ ސަބަބުން ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކަކީ ވަރަށް ރަނގަޅު އުފެއްދުންތެރި ދުވަސްތަކަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މިއަދު ޗައިނާގެ ފޮރިން މިނިސްޓަރު ވަޑައިގަންނަވާތީ ސެކިއުރިޓީގެ ބޭނުމަށް މާލޭގެ ބައެއް ސަރަހައްދުގެ މަގުތައް މާދަމާ ބަންދު ކުރާނެއެވެ. އެގޮތުން ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުން ފެށިގެން އެންމެ އިރަށް (ފޮރިން މިނިސްޓްރީގެ ކުރީގެ ވަގުތީ އިމާރާތާ ހަމައަށް) ބޮޑުތަކުރުފާނު މަގާއި އަމީރު އަހުމަދު މަގު އާންމު ޓްރެފިކަށް ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު ސަރުކާރުގެ އޮފީސްތައް ހިންގާ މުހިންމު އިމާރާތްތައް ކަމަށްވާ ޝަހީދު ހުސައިން އާދަމް ބިލްޑިން ހުންނަ ސަރަހައްދުގެ ޕާކިން ޒޯނާއި، ފާލަންތައް ކައިރީގައި ވެހިކަލްތައް ޕާކްކުރުން މަނާ ކުރެވި ހުސްކުރަން ހަމަޖެހިފައި ވާތީ، މިރޭ 8 ގެ ކުރިން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ނަގަން ވަނީ އަންގާފައެވެ. މީގެ އިތުރުން އެ ސަރަހައްދުގެ ފަޅު ބަންދުކުރަން ހަމަޖެހިފައިވާތީ، އެ ފަޅު ބޭނުންކުރާ އުޅަނދު ފަހަރު މާދަމާ ހެނދުނު 6 ގެ ކުރިން ނަގައި އެ ސަރަހައްދު ހުސްކުުރަން ވެސް ވަނީ އަންގާފައެވެ.
ޗައިނާ މިނިސްޓަރު ވަޑައިގަންނަވާ މި ދަތުރުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ޑިޕްލޮމަޓިކް ގުޅުމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.