ކޮވިޑުގެ ކޭސްތައް އިތުރުވަމުން ދާތީ، ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކުރުމަށް ނިންމި ނިންމުން ތަންފީޒު ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ކޮވިޑުގެ ކޭސްތައް އިތުރުވަމުން ދާތީ، ހުރިހާ ރަށެއްގައި އާންމުން މާސްކު އަޅަން މަޖުބޫރުކޮށް، މާސްކު އަޅަމުން ދޭތޯ ބެލުމަށް ފުލުހުންނަށް ރައީސް އޮފީހުން އަންގާފައިވަނީ، އޮމިކްރޮންގެ ރިސްކް އެސެސްމެންޓަށް ބެލުމަށްފަހު، އަދި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަން ބޭއްވި ބައްދަލުވުމަށް ފަހުގައެވެ.

އެގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ:

  • މާލޭގައި ދުވާލަކު 3،000 މީހުންނަށް ބޫސްޓަ ޑޯޒް ދިނުމަށްޓަކައި ނޫސަންދައިން ފުލުހުންނަށާއި އާއިލާތަކަށް ބޫސްޓަ ޑޯޒް ޖެހޭގޮތަށް ހަމަޖެއްސުން
  • ފުލުހުންގެ ލެބޯޓަރީގައި ކޮވިޑަށް ޓެސްޓު ހަދަން ފެށުން
  • ހުރިހާ ރަށްރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށް މާސްކް އަޅައިތޯ ބެލުން

މިކަމާ ގުޅިގެން ފުލުހުން ކުރި ޓްވީޓެއްގައި ބުނީ، ކޮވިޑަށް ޕޮޒިޓިވްވަމުންދާ މީހުން އިތުރުވަމުންދާތީ މާސްކް އެޅުން ވަނީ މިހާރު މަޖުބޫރުކޮށްފައި ކަމަށާއި، އެކަން ތަންފީޒު ކުރުމުގެ މަސައްކަތްތައް ކުރަމުން ދާނެ ކަމަށެވެ. އަދި ބޭރުގައި އުޅޭ ވަގުތު މާސްކް އަޅައިގެން އުޅުމަށް ފުލުހުން އިލްތިމާސް ކުރެއެވެ

މިދިޔަ ޖޫން މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް ކޮވިޑުގެ ކޭސްތައް އަނެއްކާވެސް މައްޗަށް ދާން ފަށާފައިވާއިރު، މާލޭންވެސް 50 އަށް ވުރެ ގިނަ މީހުން މިދިޔަ ދެ ދުވަހު ވަނީ ޕޮޒިޓިވްވެފައެވެ.

ކޮވިޑުގެ ކޭސްތައް އިތުރުވަމުން ދާތީވެ، އެޗްޕީއޭއިން އަންގައިގެން އެޗްޑީސީން ހުޅުމާލޭގައި އެއްވެ އުޅުން މަނާކޮށްފައިވާއިރު، ސިޓީ ކައުންސިލުން ވަނީ ނައިޓް މާކެޓް ފަދަ ހަރަކާތްތައްވެސް މާލޭގައި ބޭއްވުން މަނާކޮށްފައެވެ.