ވ. ފުއްސަރު ކައިރިން އަޑިއަށް ދިޔަ އަލަމާ-5 ނަމަކަށް ކިޔާ ދޯންޏާއެކު ގެއްލުނު ދިވެހި މީހާ، އާދަމް ޝަފީގު ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި ކަަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ އާދަމް ޝަފީގު ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާތަނަށް ކަނޑާއި ވައިގެ މަގުން 5692 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައިފާ ކަމަށެވެ. އަދި ކޯސްޓްގާޑުންދަނީ މެދުކެނޑުމެއްނެތި ހޯދުމުގައި ހަރަކާތްތެރިވަމުން ކަމަށާއި ގެއްލިފައިވާ ފަރާތް ހޯދުމުގެ މަސައްކަތުގައި މި ސަރަހައްދުން ދަތުރުކުރާ ސީޕްލޭންތަކާއި ފްލައިޓްތަކުގެ އެހީތެރިކަން ހޯދަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ފ. ފީއަލިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ “އަލަމާ 5” ދޯނި ވ. އަތޮޅު ފުއްސަރު ފަޅާ ދިމާލު ހަތަރު ނޯޓިކަލް މޭލު ބޭރުން މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެން ދޯނި ދިޔަވެ، 3 މީހަކު ގެއްލުނު އިރު އެތަނުން ބިދޭސީ ދެމީހުން ވަނީ ފެނިފައެވެ. އަދި އެ ދެމީހުން އެމްއެންޑީއެފުން ވަނީ އިއްޔެ ހެނދުނު 06:50 ހާއިރު ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް ކައިރިން ކޯސްޓްގާޑް ސީއެމްބިއުލާންސް-34 އަށް ނަގާފައެވެ.
މިމީހުން ހޯދުމަށްޓަކައި ކޯސްޓްގާޑް ޝިޕް ހުރަވީ، ކޯސްޓްގާޑް ސީ އެމްބިއުލަންސް-34، މޯލްޑިވްސް ޕޮލިސް ސަރވިސް، ދޯނީގެ ވެރިފަރާތާއި އަދި މީގެ އިތުރުން ވައިގެ މަގުން އެސަރަހައްދުގައި ޓީއެމްއޭ ގެ 10 ސީޕްލޭންއާއި ފްލައިމީގެ މަތިންދާ ބޯޓެއްވެސް ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.