ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި އާ ވީއައިޕީ ޓާމިނަލް/ ލައުންޖްގެ އޮޕަރޭޝަންޝްތައް މާދަމާ ފަށާނެ ކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އާ ވީއައިޕީ ޓާމިނަލްގެ އޮޕަރޭޝަންޝްތައް ފަށަން ނިންމާފައި ވަނީ ހެނދުނު 6 ޖަހާއިރު ކަމަށެވެ.

މާދަމާ އޮޕަރޭޝަންޝަތައް ފެށުމަށް ހަމަޖެހިފައިވާ ލޯންޖަކީ ޖާގައިގެ ގޮތުން އަދި ހިދުމަތުގެ ގޮތުން ވެސް ރަނގަޅު ތަނަކަށް ވެގެންދާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އޮފިޝަލު އިތުރަށް ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ ދަށުން މި ޓާމިނަލް އަޅާފައިވަނީ 2200 އަކަމީޓަރު ސަރަހައްދެއްގައި ކަމަށެވެ. އެއީ ގާތްގަނޑަކަށް 4 ބުރީގެ އިމާރާތެއް ކަމަށާއި އަދި ފުރަތަމަ ފިޔަވަހީގައި އޮޕަރޭޝަނަށް ގެންނާނީ ފުރަތަމަ ދެ ބުރި ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

މި ޓާމިނަލްގެ މަސައްކަތް ކުރަނީ އެއާޕޯޓުގެ ގިނަ މަސައްކަތް ތަކެއް ކުރާ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ.

ކުރީ ސަރުކާރުން ފަށާފައިވާ ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއަކީ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ވީއައިއޭގައި 3،400 މީޓަރު ދިގު ރަންވޭއެއް ވަނީ ހަދައިފައެވެ. އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރަށް އަރައެވެ. މީގެ އިތުރުން ވީއައިއޭގައި މުޅިން އަލަށް ސީޕްލޭން ޓާމިނަލެއް ވެސް ވަނީ އަޅާފައެވެ.