އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިޒާމް ކޮށްގެން އިއްޔެ ހަވީރު މާލޭގައި ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ހައްޔަރު ކުރި 11 މީހުން ރޭ ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ އިއްޔެ ޕީޕީއެމްއިން ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވުމުގެ ތެރެއިން ހައްޔަރުކުރި 11 މީހުންގެ ތެރޭގައި ހިމެނެނީ 9 އަންހެނުންނާއި 2 ފިރިހެންނުން ކަމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލްވެސް ހިމެނެއެވެ.

އެ 11 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލާ ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތުގައި އިންޑިއާ ސިފައިން، މިހާރުން މިހާރަށް މި ގައުމުން ބޭރު ކުރުމަށް ގޮވާލާއިރު، މީގެ އިތުރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް މިހާރުގެ ސަރުކާރުން އިންޑިއާ އެކު ހަދަމުންދާ އެއްބަސްވުންތައް ހާމަ ކުރުމަށް ވެސް ގޮވާލައި، އެ އެއްބަސްވުންތައް ބާތިލުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކޮށްލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާއި އެކީ އިތުރަށް ވަނީ ފުޅާ ކޮށްފައެވެ. އެގޮތުން މި ހަރަކާތް މާލޭގެ އިތުރުން ރާއްޖޭގެ ރަށްތަކުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.