މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސް އިތުރުވަމުންދާތީ މާލޭގައި ނައިޓް މާކެޓް ބާއްވަން ހުއްދަ ދިނުން ހުއްޓާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، ދުނިޔޭގެ އެކި ޤައުމުތަކުގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 ގެ އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން މިހާރު ފެނިފައިވުމާއި، ބަލިޖެހޭ އަދަދު މާލޭގައި މިހާރު ގިނަވަމުންދާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސިޓީގައި ކުރިޔަށްދާ ނައިޓް މާކެޓް ފަދަ އިވެންޓްތަކަށް ހުއްދަދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގައި ނައިޓް މާކެޓުގައި ފަށާފައިވަނީ މިދިޔަ މަހު 26 ވަނަ ދުވަހުއެވެ. 10 ދުވަހަށް ކުރިއަށް ގެންދިޔަ މި ނައިޓް މާކެޓުގައި 200 ސްޓޯލެއް ހުރެއެވެ. މި ނައިޓް މާކެޓް ބޭއްވީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން މެންދަމު 12:00 އަށެވެ. މި ނައިޓް މާކެޓަށް ބޮޑު ތަރުހީބެއް ލިބުނު އިރު ގިނަ އަގަގެއްގެ ބަޔަކު ވަދެ ނުކުމެ ހަދާފައި ވާކަން ފާހަގަ ކުރެވެއެވެ.
އޭނާ ބުނީ، ނައިޓް މާކެޓްގެ އެއްވެސް ސްޓޯލަކަށް މަޑުނުކޮށް ފެށޭ ހިސާބުން ގޮސް ނިމޭކޮޅުން ނުކުންނަން ބައިގަޑިއިރު ނަގާ ކަމަށެވެ. އޭނާ ބުނީ އެއްބަޔަކު ކޮނޑަށް އަތް ވައްޓާލައިގެން ދާއިރު އަނެއްބަޔަކު ގްރޫޕްގްރޫޕަށް އަދި ތަރުތީބެއް ނެތި ދާ ކަމަށެވެ. އެހެން ކަމުން ގަިދުރުކަމެއްވެސް ގައިޑްލައިނެއްވެސް އެތާނގައި ނޯންނަ ކަމަށެވެ.
މީގެ ކުރިން ސިޓީ ކައުންސިލުން ވަނީ ނައިޓް މާކެޓު ކުރިއަށް ގެންދަނީ ސިޓީ ކައުންސިލްގެ ހުއްދަ ހޯދައި، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް، ބުނެފައެވެ. އަދި ނައިޓް މާކެޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ފުލުހުން ހަރަކާތްތެރިވަމުން ދާ ކަންވެސް ކައުންސިލުން ވަނީ ބުނެފައެވެ.
މިވަގުތު މާލެ ސަރަހައްދުން ކޭސްތައް ގިނަ ވަމުން އަންނަ އިރު، އިއްޔެ ޖުމްލަ 224 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން 102 މީހަކު ޕޮޒިޓިވްވެފައިވާއިރު އަތޮޅުތެރެއިން 48 މީހަކާއި ރިސޯޓްތަކުން 74 މީހަކު ވެސް ވަނީ ޕޮޒިޓިވްވެފައެވެ.
މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން ސްކޫލް ބަންދުވުމުން އައިސް އުޅޭ ކަން ފާހަގަ ކުރެވެއެވެ. ހަމައެއާއެކު އާ އަހަރާ ދިމާކޮށް ބޭއްވި މިއުޒިކް ޝޯ ބެލުމަށާއި އަދި މަގުމަތީ ބާޒާރު ފެށުމުން އެތަނަށް ވެސް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި ވުމާއި ހިތާނީ ސީޒަން ފެށި ކައިވެނި ޕާޓީތަކާއި އެކި ހަފްލާތައް ބާއްވާ ގިނަ މީހުން އެއްތަނަކަށް އެއްވަމުން ދިއުމަކީ މިވަގުތު ކޭސްތައް އިތުރުވެގެން ހިނގައިދާނެ ކަމެއް ކަމަށް ބައެއް މީހުން ބުނެއެވެ.