ވޭތުވެ ދިޔަ 3 އަހަރު ތެރޭގައި ފެނަކައިން ހިދުމަތްދޭ ހުރިހާ ރަށެއްގައި އިންޖީނުގޭގެ ކެޕޭސިޓީ ދެ ގުނައަށް އިތުރު ކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން އިންޖީނުގޭގެ ކެޕޭސިޓީ ހުރީ 70 މެގަވޮޓުގައި ކަމަށާއި ނަމަވެސް މިހާރު ހުރީ 140 މެގަވޮޓުގައި ކަމަށް ސަރުކާރުން ބުނެއެވެ.
ނ. މަގޫދޫގައި ސަރުކާރުން ތަރައްގީ ކުރި އިންޖީނުގެ އިއްޔެ ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު، ރާއްޖޭގެ ސޯލާ އެނާޖީގެ ކެޕޭސިޓީ ހުރީ 16 މެގަވޮޓްގައި ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު އެ އަދަދު އޭގެ ދެ ގުނަ އިތުރުކޮށްފައިވާ ކަމަށާއި އަމާޒަކީ ފަސް އަހަރު ވެގެން ދާއިރު، ސޯލާ އެނާޖީގެ ކެޕޭސިޓީ 50 މެގަވޮޓަށް އިތުރުކުރުން ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެމްޑީޕީން ވެރިކަމާ ހަވާލުވި އިރު، އޭރު ރަށްރަށުގައި އިންޖީނުގޭގެ ކެޕޭސިޓީ ހުރީ 70 މެގަވޮޓުގައި ކަމަށެވެ. ނަމަވެސް މިހާރު އޭގެ ދެގުނަ ކަރަންޓު ރަށްރަށަށް ފޯރުކޮށްދެމުން ދާއިރު، އެކި ރަށްރަށަށް މިހާރު ކަރަންޓު ފޯރުކޮށް ދީފައިވާ ކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.