ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ނ. އަތޮޅުގެ ފަސް ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނު ޒިޔާރަތް ކުރެއްވި ރަށްތަކުގެ ތެރޭގައި ނ. މާފަރާއި، ލަންދުއާއި، މަނަދުއާއި، މަގޫދޫ އަދި ހޮޅުދޫ ހިމެނެއެވެ.

މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ޒިޔާރަތް ކުރެއްވި ހުރިހާ ރަށްރަށެއްގެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. އަދި އެ މަނިކުފާނު ވަނީ ނ. އަތޮޅު ކައުންސިލް މެންބަރުންނާ ވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުންތަކުގައި އެ ފަރާތްތަކުން ވަނީ ރަށްރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި، އެ ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އިތުރަށް ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

ރައީސް ސޯލިހު ވަނީ ދަތުރުކުރެއްވި ގިނަ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވާ އެ ތަންތަނުގެ ހާލަތު ބައްލަވާ ލައްވާ، ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތަކުގެ މަސައްކަތް ހިނގަމުންދާ ގޮތް ވެސް ބައްލަވާލައްވަފައެވެ.

މީގެ އިތުރުން ވެސް ރައީސް ވަނީ ލަންދޫ މިސްކިތާއި، ބަނދަރު ހުޅުއްވާ ދެއްވާ، މަގޫދޫގައި އަލަށް އިމާރާތްކޮށްފައިވާ އިންޖީނުގެ ހުޅުއްވާ ދެއްވާ، ހޮޅުދޫ ފުޓްބޯޅަދަނޑު ވެސް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

އެ މަނިކުފާނުގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި، ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.