ސަރުކާރުގެ އަމާޒަކީ، 2030 ވަނަ އަހަރުގެ ކުރިން އިއާދަކުރުވަނިވި ހަކަތައާއި އެކު ކަރަންޓުގެ ހިދުމަތަކީ ހަމަހަމަކަމާއެކު ދެވޭ ހިދުމަތެއްގެ ގޮތުގައި ބަދަލުކުރުން ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނ. މަގޫދޫގައި ސަރުކާރުން ތަރައްގީކުރި އިންޖީނުގެ މިއަދު ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މިއީ 2030 ގެ ކުރިން ރާއްޖެ ނެޓްޒީރޯ ގައުމަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެއް ކަމަށެވެ.

އެގޮތުން، ރައީސް ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު، ރާއްޖޭގެ ސޯލާ އެނާޖީގެ ކެޕޭސިޓީ ހުރީ 16 މެގަވަޓްގައި ކަމަށާއި، މިހާރު އެ އަދަދު އޭގެ ދެ ގުނަ އިތުރުކޮށްފައިވާ ކަމަށެވެ. އަދި އަމާޒަކީ ފަސް އަހަރު ވެގެން ދާއިރު، ސޯލާ އެނާޖީގެ ކެޕޭސިޓީ 50 މެގަވަޓަށް އިތުރުކުރުން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނައިރުގަ، ރާއްޖޭގަ ކަރަންޓުގެ ހިދުމަތަކީ ސޯލާ އެނާޖީއާ އެކީގަ ހަމަހަމަކަމާއެކު ދެވޭ ހިދުމަތަކަށް ބަދަލުކުރުން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު، އޭރު ރަށްރަށުގައި އިންޖީނުގޭގެ ކެޕޭސިޓީ ހުރީ 70 މެގަވަޓުގައި ކަމަށެވެ. ނަމަވެސް މިހާރު އޭގެ ދެގުނަ ކަރަންޓު ރަށްރަށަށް ފޯރުކޮށްދެމުންދާއިރު، އެކި ރަށްރަށަށް މިހާރު ކަރަންޓު ފޯރުކޮށްދީފައިވާ ކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން، ސަރުކާރުން ވެފައިވާ ބައެއް ވައުދުތަކަށާއި، ސަރުކާރުން މިދިޔަ ތިން އަހަރު ދުވަހު ހިންގާފައިވާ ބައެއް މަޝްރޫއުތަކަށް އަލި އަޅުވާލައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، އާންމުން ތިބީ އަސާސީ ގިނަ ހިދުމަތްތަކުން މަހްރޫމްވެފައި ކަމަށެވެ. އެހެންކަމުން އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މަގޫދޫގެ ރަށުގެ ބާ އިންޖީނުގެ ހުރީ އާންމުން ދިރިއުޅޭ ސަރަހައްދެއްގައެވެ. ނަމަވެސް، އާ އިންޖީނުގެ އަޅާފައިވަނީ އާންމުންގެ އެއްވެސް މީހަކަށް އުނދަގުލެއް ކުރިމަތި ނުވާނެ ސަރަހައްދެއްގައެވެ.

އެ ރަށުގައި މިއަދު ހުޅުވި އާ އިންޖީނުގޭގެ ސަބަބުން، އެ ރަށުގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.