ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ދިމާވި ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރާއި އާންމުން ގުޅިގެން ކުރި މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ މިސްރާބު މިހާރު އަމާޒުވެފައި އޮތީ ރަނގަޅު ދިމާލަކަށް ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް މިދިޔަ ދެ އަހަރު ދުވަހު ވަރަށް ބޮޑަށް އަސަރުކޮށްފައި ކަން ފާހަގަ ކުރައްވާފައެވެ.

ނަމަވެސް، ކޮވިޑުގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރާއި އާންމުން ކުރި މަސައްކަތްތަކުން ރާއްޖެ ވަނީ ކުރިއެރުން ހޯދާފައި ކަމަށާއި، އެއާއެކު ރާއްޖޭގެ އިގްތިސޯދު މިހާރު އަމާޒުވެފައިވާ މިސްރާބު ރަނގަޅުވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ނ، އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ލަންދުއާއި، މަނަދުއާއު، ހޮޅުދުއާއި، މަގޫދޫގެ އިތުރުން މާފަރަށެވެ. އޭގެ ތެރެއިން ރައީސް ވަނީ އިއްޔެ މާފަރަށާއި ލަންދުއަށް ވަޑައިގެންފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ނ. އަތޮޅުގެ ކައުންސިލާއި، ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.. އަދި ރަށްރަށުގެ ރައްޔިތުންނާ ރައީސް ބައްދަލު ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.