ވ. ފުއްސަރު ކައިރިން އަޑިއަށް ދިޔަ އަލަމާ-5 ނަމަކަށް ކިޔާ ދޯންޏާއެކު ގެއްލުނު ތިން މީހުންގެ ތެރެއިން ދެމީހުން ފެނިފަަި ވާއިރު އެމްއެންޑީއެފުން ވަނީ އެ ދެ މީހުން ނަގާފައެވެ.
ފ. ފީއަލިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ “އަލަމާ 5” ދޯނި ވ. އަތޮޅު ފުއްސަރު ފަޅާ ދިމާލު ހަތަރު ނޯޓިކަލް މޭލު ބޭރުން މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެން ދޯނި ދިޔަވެ، 3 މީހަކު ގެއްލުނު އިރު ފެނިފާ ވަނީ ދޯނިން ގެއްލިފައިވާ ތިން މީހުންގެ ތެރެއިން ބިދޭސީ 2 މީހުންނެވެ. އެ ދެ މީހުނަށް ގުޅޭ މައުލޫމާތު އެންމެ ފުރަތަމަ އެމްއާރްސީސީއަށް ދިނީ ކުންފުނީގެ ފަރާތުން ރޭ 10:12 ހާއިރު ކަމަށާއި އެމީހުންނަށް އެމްއާރްސީސީއަސް ގުޅުނީ 10:29 ގައެވެ.
އެހެންނަމަވެސް ގެއްލުނު އުމުރުން 32 އަހަރުގެ ކ. ގުރައިދޫ/ ނަލަވާ ، އާދަމް ޝަރީގު އަދިވެސް ނުފެނެއެވެ. އަދި އާދަމް ޝަފީގު ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުމަގުން ދަނީ މެދުކެނޑުމެއްނެތި ކުރަމުން ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ އަލަމާ-5 ދޯނިން ގެއްލުނު ފަޅުވެރިންގެ ތެރެއިން 2 މީހުން ވަނީ މިއަދު ހެނދުނު 06:50 ހާއިރު ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް ކައިރިން ކޯސްޓްގާޑް ސީއެމްބިއުލާންސް-34 އަށް ނަގައިފާވާ ކަމަށެވެ. މި ދެ މީހުން ނަގައިފާ ވަނީ ގެއްލުނުތާ 30 ގަޑިއިރު ފަހުންނެވެ.
މިމީހުން ހޯދުމަށްޓަކައި ކޯސްޓްގާޑް ޝިޕް ހުރަވީ، ކޯސްޓްގާޑް ސީ އެމްބިއުލަންސް-34، މޯލްޑިވްސް ޕޮލިސް ސަރވިސް، ދޯނީގެ ވެރިފަރާތާއި އަދި މީގެ އިތުރުން ވައިގެ މަގުން އެސަރަހައްދުގައި ޓީއެމްއޭ ގެ 10 ސީޕްލޭންއާއި ފްލައިމީގެ މަތިންދާ ބޯޓެއްވެސް ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.