ވ. ފުއްސަރު ކައިރިން އަޑިއަށް ދިޔަ އަލަމާ-5 ނަމަކަށް ކިޔާ ދޯންޏާއެކު ގެއްލުނު ތިން މީހުންގެ ތެރެއިން ދެމީހެއްގެ ވަނަވަރު ފުލުހުން ހާމަ ކޮށްފިއެވެ.
ފ. ފީއަލިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ “އަލަމާ 5” ދޯނި ވ. އަތޮޅު ފުއްސަރު ފަޅާ ދިމާލު ހަތަރު ނޯޓިކަލް މޭލު ބޭރުން މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެން ދޯނި ދިޔަވެ، އަޑިއަށް ގޮސް އެއިން ދަތުރު ކުރި ތިން މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް ދަނީ އެމްއެންޑީއެފުން ކުރަމުންނެވެ.
ފުލުހުން ބުނީ، އެ ދޯނިން ގެއްލިފައިވާ ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ އުމުރުން 32 އަހަރުގެ ކ. ގުރައިދޫ/ ނަލަވާ، އާދަމް ޝަފީގާއި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އުމުރުން 37 އަހަރުގެ އަސަދުލް އިސްމާލް ކަމަށެވެ. ގެއްލިފައިވާ ތިންވަނަ މީހާއަކީ ބިދޭސީ ފިރިހެނެއް ކަމަށާއި އަދި އެމީހާގެ މައުލޫމާތު ހޯދައި، ވެރިފައިކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
ވީމާ، މި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރު 3322111 އަށް ނުވަތަ ވ. ފެލިދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792782 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައި ވެއެވެ. މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން މި ފުރުސަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން ގެއްލުނު މީހުން ހޯދަން ކުރި މަސައްކަތުގައި އަދިވެސް އެ ތިން މީހުންނާއި އަޑިއަށް ދިޔަ ދޯނި ފެނިފައެއް ނުވެއެވެ. ނަމަވެސް އެ ދޯނިން ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް ފ. އަތޮޅުގެ އުތުރުން 1 ނޯޓިކަލް މޭލު ބޭރުން، އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިފައިވާ ކަމަށް އެ ފަރާތުން ބުނެއެވެ.
އެމްއެންޑީއެފުން އަދިވެސް ދަނީ އެމީހުންނާއި އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ކަނޑާއި ވައިގެ މަގުން 2،720 ނޯޓިކަލް މޭލްގެ ސަރަހައްދެއް ބަލާފައި ވާއިރު، އަދި ފަޅުވެރިން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށް އެމްއެންޑީއފުން ބުނެއެވެ. އެކަމުގައި އެމްއެންޑީއެފް ޑޯނިއާ ފްލައިޓުގެ އިތުރުން ކޯސްޓްގާޑްގެ އެކޯ-905 ސީ އެމްބިއުލާންސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ސުވާލު އުފެދޭ ހާދިސާއެއް. ގަސްދުގަ މަރާލީ ކަމަށްބުރަވެވޭ. ސަބަބު: ދޯނި އަޑިއަށް ދަނީއޭ ކައްޕި ބުނުމާއެކު ފޯނު ކެނޑުން. ބަންގާޅީން ސަލަމަތްވިއިރު އެމީހުންގެފޯނު ނުނިވޭ.