ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ކްލިއާ ނުކުރަނީސް ޖައްސަން އައި ޓާކިޝް އެއާލައިންގެ ފްލައިޓެއް އަނބުރާލައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ މެސެޖެއްގައި ބުނެފައި ވަނީ، ރާއްޖޭގެ މައި އެއާޕޯޓުގެ ރަންވޭ މަތީގައި ޓާކިޝް އެއާލައިންގެ ފްލައިޓަކާއި ޕްރައިވެޓް ޖެޓެއް ވެސް އޮއްވާ ކޮލޮމްބޯ މަގުން އައި ޓާކިޝް އެއާވޭސްގެ ޓީކޭ-735 ފްލައިޓް، ވަނީ ރަންވޭ ކްލިއާ ނުކުރަނީސް ޖައްސަން މަސައްކަތް ކޮށްފައި ކަމަށެވެ. އަދި ފަހުން އެ ފްލައިޓް ވަނީ ވައިގެ ތެރެއަށް ނަގާފައި ކަމަށް ވެސް އެ މެސެޖުގައި ބުނެފައި ވެއެވެ.
މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެމްއޭސީއެލުން ބުނީ، އެއީ މުޅިން ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އާންމުކޮށް ރަންވޭ ކްލިއާ ނުކޮށް ހުރެއްޖެ ނަމަ އޯވާ ފްލައި ކޮށްފައި ފްލައިޓް ނުޖައްސާ ހިނަގއިދާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ. ނަމަވެސް މިރޭ އެފަދަ ހާދިސާއެއް ހިނގާފައި ނުވާ ކަމަށް އެފަރާތުން ބުނެއެވެ.
މިކަމާ ގުޅިގެން އޭވިއޭޓާސް މޯލްޑިވްސް އިން ބުނެފައި ވަނީ، ފްލައިޓް ރާޑާއިން ބެލިއިރު، ޓާކިޝް އެއާލައިން ޖައްސަން 500 ފޫޓަށް ތިރިކޮށްފައިވާ ކަމަށާއި ނަމަވެސް ތިރިކުރުމަށް ފަހު އެ ފްލައިޓް އަނބުރާލާފައިވާ ކަމަށެވެ. އެއީ ގާނޫނީ ގޮތުން އުދުހެން ހުއްދަ އޮންނަ މިންވަރާ ގާތް މިންވަރެއް ކަމަށް އޭވިއެޓާސް އިން ބުނެއެވެ.
"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން ބައެއް ފަހަރު ބޯޓުތައް ޝެޑިއުލުން ބޭރުން ރާއްޖެއަށް އަންނަނީ، ރާއްޖެ ހިމެނޭ ބައި (މޯލްޑިވިއަން ލެގް) ގެ ދަތުރުތައް އަވަހަށް ނިންމާފައި ބިޒީ އެއާޕޯޓުތަކަށް ދިއުމުގެ ކުރިން ރެސްޓް ކުރާށެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ގިނަ ފްލައިޓުތަކެއް ޖައްސަމުންދާ ދުވަސްވަރެއް ކަމުން މައި އެއާޕޯޓްގެ ޓްރެފިކް ވަނީ ވަރަށް ބޮޑަށް ބާރު ބޮޑުވެފައެވެ. އެހެންކަމުން މައި އެއާޕޯޓުގެ އެއާ ޓްރެފިކް މިދުވަސްވަރު ބާރު ބޮޑުވެފައި ވާތީ، އިތުރު ފްލައިޓްތައް އެކޮމަޑޭޓް ކުރުމަށްޓަކައި އެއާޕޯޓުގެ އޮޕަރޭޝަންތައް ފަށާ ގަޑިތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެ ގޮތުން މި އަހަރުގެ ނިޔަލަށް ކޮންމެ ދުވަހަކު ފަތިހު ފަހެއް ޖަހާއިރު އެއާޕޯޓުގެ އޮޕަރޭޝަންތައް ފެށުމަށް ވަނީ ހަމަޖައްސާފައެވެ.