ރަށްވެހިވެފައިވާ ރަށުގައި ތިން އަހަރު ވަންދެން އުޅެފައި ނުވި ނަމަވެސް، ގެދޮރުވެރިޔާ ލޯން ސްކީމަށް ކުރިމަތިލެވޭ ގޮތަށް ބަދަލުކުރަން ނިންމައިފިއެވެ.

އެޗްޑީއެފްސީން ކުރި އިއުލާނެއްގައި ބުނީ، ގެދޮރުވެރިޔާ ލޯން ސްކީމްގައި ހިމެނޭ ޝަރުތުތަކުގެ ތެރެއިން ރަށްވެހިވެފައިވާ ރަށުގައި މަދުވެގެން ތިން އަހަރު ވެފައިވާ ކަމަށް އޮންނަ ޝަރުތު އުނިކުރަން ނިންމާފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 27 ގައި މި ޝަރުތު އުނިކުރަން ނިންމާފައެވެ.

ހަމަ އެއާއެކު، އެ ޝަރުތު ފުރިހަމަނުވުމުގެ ސަބަބުން ލޯނު ރިޖެކްޓުކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން އަލުން ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީއެފްސީން ބުންޏެވެ.

ގެދޮރުވެރިޔާ ލޯން ސްކީމް ތައާރަފްކުރީ މިދިޔަ ޖޫން މަހުގެ 14 ގައެވެ. އެ ލޯން ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، ގެދޮރުވެރިޔާ ލޯނު ސްކީމަކީ ކުޑަ އިންސްޓްރެސްޓެއްގައި، ދިގު މުއްދަތުން ދައްކާ ހަލާސްކުރާ ގޮތަށް، ތައާރަފު ކުރާ ލޯނު ސްކީމެއް ކަމަށެވެ.