ވ. އަތޮޅު ފުއްސަރު ކައިރިން އަޑިއަށް ދިޔަ ދޯނި ގެއްލިގެން ހޯދާއިރު، އެދޯނީގެ ބައެއް ސާމާނުތައް އޮޔާ ދަނިކޮށް ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ދަނީ، މާލެއަށް ފުރައިގެން ދަނިކޮށް، ވ. ފުއްސަރުގެ ކައިރިން އަޑިއަށް ދިޔަ "އަލަމާ-5" ނަމަކަށް ކިޔާ ދޯންޏެކެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދާ އެ ދޯނިން ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް ފ.އަތޮޅުގެ އުތުރުން 1 ނޯޓިކަލް މޭލު ބޭރުން، އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިފައިވާ ކަމަށެވެ.

އެ ދޯނީގައި ތިން މީހުން ތިބި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެމްއެންޑީއެފުން ދަނީ އެމީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނީ، އެ ދޯނި އަޑިއަށްދާ ކަމަށް ރިޕޯޓު ކޮށްފައި ވަނީ ފުއްސަރު ކައިރިން ހަތަރު ވަރަކަށް ނޯޓިކަލް މޭލު ބޭރުން ކަމަށާއި، އޭރު އެ ދޯނި ދަތުރުކުރަމުން ދިޔައީ ފީއަލި ކައިރިން ފާނަ މަސްވެރިކަން ކުރާ ދޯނި ފަހަރުން ފާނަ ގަނެގެން މާލެއަށް ކަމަށެވެ.