ގެއްލުން ދެނިވި ހަނގުރާމައިގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާފައި ވާ ނިއުކްލިއާ ހަނގުރާމަ ނުވަތަ ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ބޭނުން ކުރާ ހަނގުރާމައަކުން ދުރުވެ ތިބުމަށް، ދުނިޔޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ، ނިއުކްލިއާ 5 ބާރުން ވައުދުވެއްޖެއެވެ.

ރަޝިއާ، އިނގިރޭސިވިލާތް، ޗައިނާ، އެމެރިކާ އަދި ފަރަންސޭސިވިލާތުން ވެފައި ވާ މި އެއްބަސްވުމުގެ ގުޅިފައި ވާ ބަޔާން އާންމު ކޮށްފައި ވަނީ ރަޝިއާ ސަރުކަރުން ކަމަށް ހަބަރު ލިބެއެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންގެ ތެރޭގައި ހިމެނޭ މި 5 ގައުމުން ވަނީ ނިއުކްލިއާ ހަނގުރާމައަކުން ދުރުވުމުގެ އިތުރުން، އިސްތިރާޖީ ހިރާސް ކުޑަ ކުރުމަށްވެސް އެއްބަސްވުމަކަށް އައިސްފައެވެ. މީގެ އިތުރުން ސަލާމަތްތެރިކަން ލިބިގެންވާ ވެއްޓެއް ގާއިމު ކުރުމަށްޓަކާ އެހެން ހުރިހާ ގައުމަކާއެކު މަސައްކަތް ކުރުމަށްވެސް 5 ބާރުން ވަނީ ޝައުގުވެރިކަން ފާޅު ކޮށްފައެވެ.

ރަޝިއާ، އިނގިރޭސިވިލާތް، ޗައިނާ، އެމެރިކާ އަދި ފަރަންސޭސިވިލާތުގެ ބަޔާން ބުނާ ގޮތުގައި، ނިއުކްލިއާ ހަނގުރާމައަކީ އެއްވެސް ބަޔަކަށް މޮޅު ލިބޭނެ ހަނގުރާމައެއް ނޫނެވެ. އަދި އެއީ ކޮށްގެން ވާނެ ހަނގުރާމައެއް ނޫން ކަމަށްވެސް ބުނެފައި ވެއެވެ. ނިއުކްލިއާ ހަތިޔާރުގެ ބާރުގެ ބޭނުން ކުރުމަކީ އޭގެ ގެއްލުން ދިގުލާ ދާ ކަމެއް ކަން ފާހަގަކޮށް، އދގެ 5 ބާރުން ވަނީ، ނިއުކްލިއާ ހަތިޔާރުތައް ދެމި ހުރިހާ ދުވަހަކު، އެތަކެތި ހުރީ ހަމަ އެކަނި ދިފާއީ މަގުސަދުތަކަށްޓަކާ، ރުޅިވެރިކަން ނައްތާ، ހަނގުރާމައަކުން ދުރުހެލި ކުރަނިވި ބީދައަކުން ކަމުގައި ވާންޖެހޭ ކަމަށްވެސް ގޮވާލާފައެވެ.

ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ލިބިފައިވާ ދުނިޔޭގެ އެންމެ ވަރުގަދަ ބާރުތަކުން މިފަދަ ބަޔާނެއް ނެރެފައި ވާ މި ދަނޑިވަޅަކީ، ފިނި ހަނގުރާމައަށް ފަހު، އެމެރިކާއާއި ރަޝިއާގެ ގުޅުން، އޭގެ އެންމެ އިންތިހާއަށް ހީނަރު ވެފައި ވާ ދަނޑިވަޅެކެވެ. މީގެ އިތުރުން އެމެރިކާއާއި ޗައިނާގެ ގުޅުންތައްވެސް ވަނީ މާޒީ ނުދެކޭ ދަރަޖައަކަށް ހީނަރުވެފައެވެ.