ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު މާފަރަށް ވަޑައިގެންފިއެވެ.

މާފަރަށް ވަޑައިގަތުމުން ރައީސް ސޯލިހަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

ރައީސް ސޯލިހުގެ މިދަތުރުފުޅުގައި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށްރަށުގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރެއްވުމަށް ވެސް ވަނީ ނިންމަވާފައެވެ.

ރައީސް ސޯލިހު ނ އަތޮޅުގެ 5 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ލަންދޫ، މަނަދޫ، ހޮޅުދޫ، މަގޫދޫ އަދި މާފަރު ހިމެނެއެވެ.

ރައީސް ސޯލިހު ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ހދ އަދި ށ އަތޮޅުގެ ބައެއް ރަށްރަށަށްވެސް ވަޑައިގެންފައެވެ. މީގެ އިތުރުން އޮކްޓޯބަރު މަހުގެ ތެރޭގައި އއ. އަތޮޅުގެ 6 ރަށަކަށް ވެސް ރައީސް ސޯލިހު ވަނީ ވަޑައިގެންފައެވެ.

މި ކޮންމެ ދަތުރުފުޅެއްގައިވެސް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ވަނީ ބައްދަލު ކުރައްވާފައެވެ.