ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ނ. އަތޮޅަށް ވަޑައިގަތުމަށް ވަޑަގަންނަވާ ގޮތައް ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ސޯލިހު މާދަމާ ހެނދުނު ނ އަތޮޅުގެ 5 ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އެއީ ލަންދޫ، މަނަދޫ، ހޮޅުދޫ، މަގޫދޫ އަދި މާފަރު ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ރައީސް ސޯލިހުގެ މިދަތުރުފުޅުގައި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރަށްރަށުގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ރައީސް ސޯލިހު ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ހދ އަދި ށ އަތޮޅުގެ ބައެއް ރަށްރަށަށްވެސް ވަޑައިގެންފައެވެ. މީގެ އިތުރުން އޮކްޓޯބަރު މަހުގެ ތެރޭގައި އއ. އަތޮޅުގެ 6 ރަށަކަށް ވެސް ރައީސް ސޯލިހު ވަނީ ވަޑައިގެންފައެވެ. މި ކޮންމެ ދަތުރުފުޅެއްގައިވެސް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ވަނީ ބައްދަލު ކުރައްވާފައެވެ.