ހަޔާ އެޑިޔުކޭޝަން މެދުވެރިވެގެން ޔޫއެންޑީޕީގެ އެހީގައި ދިވެހިރާއްޖޭގެ ކޮލެޖް އަދި ޔުނިވާސިޓީތަކުގެ ދަރިވަރުންނަށް އީ ލައިބްރަރީއެއްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ ކޮލެޖް އަދި ޔުނިވާސިޓީތަކުގެ ދަރިވަރުންނަށް ފޯރުކޮށްދެވޭނީ ޖޭސްޓޯ ލައިބަރަރީގެ ހިދުމަތް ކަމަށެވެ. އަދި މި ހިދުމަތް ފޯރުކޮށްދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރިކޮށް ހިންގަމުންދާ 14 ކޮލެޖް އަދި ޔުނިވާސިޓީއަކަށް ޖޭސްޓޯ ސަބްސްކްރިޕްޝަން ސެޓްފިކެޓް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަން ވަނީ ހަވާލުކޮށްދެއްވާފައެވެ. ޖޭސްޓޯ ލައިބްރަރީއިން އެކި ޑިސިޕްލިންތަކުން 12 މިލިއަނަށްވުރެ ގިނަ އެކެޑެމިކް ޖާނަލް އާޓިކަލްތަކާއި ފޮތްތައް ކިޔުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ.
މީގެ އިތުރުން މި ހަފްލާގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހޯދަމުން އަންނަ ސްޓެޓިސްޓިކްސް ހޯދުމަށް މި އަހަރު އަލަށް ހެދުނު ޕޯޓަލްވެސް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވަނީ އިފްތިތާހުކޮށްދެއްވާފައެވެ.
މި ހަފްލާ ޝަރަފުވެރިކޮށްދެއްވާ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ދެއްކެވި ވާހަކައިގާ ވަނީ ކިޔަވައިދިނުމަށް މިފަދަ ލައިބްރަރީއެއްގެ ހިދުމަތް ދަރިވަރުންނާއި ލެކްޗަރާއިންނަށް ލިބުމުގެ މުހިއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޖޭސްޓޯ ފަދަ އީ-ލައިބްރަރީއެއްގެ ސާވިސް ލިބުމަކީ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު އިތުރަށް ހަރުދަނާވާނެކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ކިޔަވައިދޭ ހުރިހާ ތަންތަނަކީ އެއް އާއިލާއެއްކަމާއި އެގޮތުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމާއި އޭގެ ސަބަބުން މުޖުތަމައުއަށް ވަރަށް ރަނގަޅު އަސަރެއް ކުރާނެކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިއަދު ތައާރަފުކުރެވުނު ޕޯޓަލް މެދުވެރިކޮށް ތަފާސް ހިސާބު ހޯދަން ފެށުމުން މިނިސްޓްރީއަށް ބޭނުންވާ ތަފާސްހިސާބުތައް ފަސޭހަކަމާއެކު ލިބި އަދި މިނިސްޓްރީއިން މަތީ ތައުލީމާއި ގުޅޭ ކަންކަމުގައި ހަދާ އުސޫލުތައް ހެދުމުގައި މިމައުލޫމާތުގެ ބޭނުންކުރެވި ހަރުދަނާ އުސޫލުތަކެއް ހެދިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.