ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދުވާލެއްގެ މައްޗަށް ބޭނުން ކުރި ފްލައިޓުގެ އަދަދު އިތުރުވެ ކުރިން ހަދާފައިވާ ރެކޯޑް މުގުރާލައިފިއެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ، އިއްޔެ އަކީ އެ އެއާޕޯޓުގެ އެއާ ޓްރެފިކް މޫވްމަންޑްގެ އާ ރެކޯޑެއް ހެދި ދުވަސް ކަމަށެވެ. އެގޮތުން މައި އެއާޕޯޓްގެ ރަންވޭގައި ޖުމްލަ 233 މޫވްމަންޓް ރެކޯޑު ކުރެވިފައިވާ ކަމަށާއި އަދި ސީޕްލޭން މޫވްމަންޓްގެ ގޮތުގައި 593 މޫވްމަންޓް ރެކޯޑް ކުރެވިފައިވާ ކަމަށެވެ. މިއާ އެކު ޖުމްލަ މޫވްމަންޓްގެ އަދަދު ވަނީ 826 އަށް އަރާފައި ކަމަށް އެމްއޭސީއެލުން ބުނެއެވެ.

މައި އެއާޕޯޓުގެ އެންމެ ގިނަ އަދަދަކަށް މިހާތަނަށް މޫވްމަންޓް ރެކޯޑު ކުރެވިފައި އޮތީ ޖެނުއަރީ 5، 2020 ގައެވެ. އެ ދުވަހު ރަންވޭ މޫވްމަންޓް އުޅެނީ 811 ގައެވެ. އެދުވަހު 252 ފްލައިޓް ރަންވޭ ބޭނުންކޮށްފައި ވާއިރު، 559 ސީޕްލޭން މޫވްމެންޓް ރިކޯޑް ކުރެވުނެވެ.

މިއަހަރު ފެށިގެން އައިރު ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ގެނައުމަށް ރާއްޖެ އިސްތިހާރު ކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ ޓޫރިސްޓުން އައުމާ އެކު ގިނަ އެއާލައިންތައް ވެސް ރާއްޖޭގެ މައި އެއާޕޯޓުގައި ޖެއްސުމަށް ފުރުސަތުތައް ވަނީ ހުޅުވާލާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ތިބި މީހުން / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

އެހެންކަމުން މައި އެއާޕޯޓުގެ އެއާ ޓްރެފިކް މިދުވަސްވަރު ބާރު ބޮޑުވެފައި ވާތީ، އިތުރު ފްލައިޓްތައް އެކޮމަޑޭޓް ކުރުމަށްޓަކައި އެއާޕޯޓުގެ އޮޕަރޭޝަންތައް ފަށާ ގަޑިތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެ ގޮތުން މި އަހަރުގެ ނިޔަލަށް ކޮންމެ ދުވަހަކު ފަތިހު ފަހެއް ޖަހާއިރު އެއާޕޯޓުގެ އޮޕަރޭޝަންތައް ފެށުމަށް ވަނީ ހަމަޖައްސާފައެވެ.