ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ދޫނިތަކުގެ ތެރެއިން ކިރުދޫނި ތަކެއް އެއާޓެކްސިއެއްގައި ޖެހި މަރުވި މައްސަލައެއް ބަލަމުންދާ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
ކިރު ދޫނިތަކެއް މަރުވި މައްސަލައިގައި އާންމުންގެ މީހަކު ފޭސްބުކްގައި ޖެހި ޕޯސްތެއްގައި ބުނެފައި ވަނީ، މިއަދު މެންދުރު އެއާޓެކްސީއެއްގައި ޖެހިފައި ކިރުދޫނިތަކެއް މަރުވި ކަމަށާއި، މިއީ ކޮންމެ ދުވަހަކުވެސް ބައެއް އެއާޓެކްސީ ޖައްސަން އަންނަ އިރު ހިނގާ ކަމެއް ކަމަށެވެ. ބައެއް ޕައިލެޓުން އެއާ ޓެކްސީ ދުއްވާ އިރު ނުބަލާ، އެ ސޮރުމެން އުދުހި އުދުހި ތިއްބާ އެއެއްޗެއްސާ ދިމާލަށް ދުއްވާފައި އަންނަނީ "މާސިންގާ އުޑެއްގައި ޖާގަ ނެތުމުންހޭ" އަހާ ޕޯސްޓް ޖެހި މީހާ ވަނީ ސުވާލު އުފައްދާފައެވެ. އަދި މިގޮތަށް ކިރު ދޫނިތަކެއް މަރުވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެފަރާތުން ބުނެއެވެ.
'ދަ ޕްރެސް' މައުލޫމާތު ދެމުން އެންވާރަމަންޓް މިނިސްޓްރީން ބުނީ، އެ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އަދި އެ މައްސަލަ އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީން މިހާރު ބަލަމުން ދާ ކަމަށެވެ. މައްސަލަ ބަލައި ނިމުމުން އީޕީއޭއިން ބަޔާނެއް ނެރޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ރާއްޖެއިން ފެންނަ ކިރު ދޫންޏަކީ 33-35 ސެންޓި މީޓަރަށް ބޮޑުވާ ދޫންޏެކެވެ. މި ދޫނިތައް އާންމު ގޮތެއްގައި ފެންނަނީ ދޮންވެލި ފިނޮޅުތަކުންނާއި، ރަށްރަށުގެ ތުނޑީ ކޮޅުންނާއި، ކަނޑުމަތިންނެވެ.
ރާއްޖެއިން ފެނިފައިވާ ދޫނީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބައެއް ދޫނިތައް ނެތިގެން ހިނގައިދާނެ ކަމުގެ ބިރަށްޓަކައާއި، އެސޮރުމެންގެ އާބާދީ ދިރުވައި އާލާ ކުރުމުގެ ބޭނުމުގައި ދިވެހި ސަރުކާރުން ވަނީ ބައެއް ދޫނިތަކަކީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ދޫނިތަކެއް ކަމުގައި ހަމަޖައްސާފައެވެ. އެ ގޮތުން 103 ބާވަތެއްގެ ދޫނި ހިމާޔަތް ކޮށްފައި ވާއިރު އެ ދޫނިތަކުގެ ތެރޭގައި ކިރުދޫނި ހިމެނެއެވެ.
އެ ދޫނިތައް ހިމާޔަތް ކުރީ ރާއްޖެއަކީ ދޫނި ހިޖުރަކުރާ ވަގުތީ މަންޒިލަކަށް ވުމުން އެ ތަކެއްޗަށް ރައްކާތެރި މާއަހުލެއް ހޯދައި ދިނުމަށެވެ. އެހެންކަމުން ކިރު ދޫނި ހިފުމާއި، ގެންގުޅުމާއި އެ ތަކެއްޗަށް ގޯނާކުރުން މަނާވާ އިރު، އެ ތަކެތި ނިދަން އަރާ ހާލިފަދަ ތަންތަނަށް ގެއްލުންދިނުން މަނާވާނެއެވެ.